ޑރ. ޢާއިޝަތު ރަމީލާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުން ބުނީ މިނިސްޓަރު ރަމީލާ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ޑރ. ރަމީލާ، އަލާސްކަންފުޅުގައި އުޅުއްވަމުންވެސް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު އަދަ ކުރައްވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑރ. ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައިވެސް ކަމަނާގެ ޚިދުމަތް ދިވެހި ގައުމަށް ލިބޭނެކަން ޔަގީންކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ރަމީލާގެ ސާބިތުކަމާއި ކެތްތެރިކަން އިތުރު ކުރައްވައި މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅުން އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރު ކުރައްވައި އަދަށްވުރެ އުފާވެރި ފާގަތި މުސްތަގުބަލެއް މިންވަރުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ޑރ.ރަމީލާ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، މީގެ ކުރިން ވެސް އެތައް ފަހަރަކު ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވެއެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯއްދަމުން ގެންދަވާއިރު، ޖެހިފައިވަނީ ކޮން ބާވަތެއްގެ ކެންސަރު ކަމެއް އެކަމަނާ ހާމަކުރައްވާފައިނުވެއެވެ.