ސްޕެނިޝް ލީގުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ތާވަލްގެ އެއް ވަނައިގައި ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 2-1 އިންނެވެ. މެޗުގައި ލަސް ޕަލްމާސް އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބާސެލޯނާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖަހައިގެން ލަސް ޕަލްމާސް ވަނީ މެޗުން މޮޅުވެފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލަސް ޕަލްމާސް އަށް ލީޑު ނަގައިދިނީ ސަންޑްރޯ ރަމިރޭޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކިރިއަން ރޮޑްރިގޭޒް އެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ސްޕެއިންގެ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަފީނިއާ އެވެ. ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ލަސް ޕަލްމާސްގެ ދެ ވަނަ ލަނޑު ޖަހައި، މެޗުން އެ ޓީމު މޮޅު ކޮށްދިނީ ފަބިއޯ ސިލްވާ އެވެ. އެ ލަނޑު އޭނާ ޖެހީ ޖަވީ މުނޯޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
ނަތީޖާއާއެކު ބާސެލޯނާ އެއް ވަަނައިގައި އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 34 ޕޮއިންޓާ އެކު އެވެ. މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާގެ ތިން ވަނަ ބައްޔެވެ. އަނެއްކޮޅުން މިއީ 1971 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ ދަނޑުގައި ލަސް ޕަލްމާސް މޮޅުވި ފުރަތަމަ ފަހަރެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 32 ޕޮއިންޓެެވެ.