ބަޖެޓު ތަންފީޒު ކުރެވޭ ގޮތާ ބެހޭ ގޮތުން ސަރުކާރު ޖަވާބު ދާރީ ކުރެވޭނެ އެއްވެސް ކަމަކަށް ޖާގަ ނުދީ، ސަރުކާރުން ހުށަހެޅި ގޮތައް، ތަފްސީލެއް ނެތް 2025 ވަނަ އަހަރުގެ ބަޖެޓް، ސަރުކާރުގެ ސްޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ފާސްކޮށްދީފިއެވެ.
ހުސްވި މަހުގެ 31 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅި 2025 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ފާސް ކުރީ 56.6 ބިލިޔަން ރުފިޔާއެވެ.
ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް މަޖިލީހުން ސަރުކާރުން އެދުނު ގޮތައް ފާސްކުރުމަށް 70 މެންބަރުން ވަނީ ވޯޓު ދީފައެވެ.
މި ބަޖެޓް، ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 11 މެންބަރުންނެވެ.
ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. ޕީއެސްއައިޕީ އަށް ހިމަނާފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ.
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ.
ރެކޯޑް މިންވަރުގެ ބަޖެޓެއް ފާސް ކުރި އިރު އަންނަ އަހަރު ސަރުކާރުން ހިންގާނީ ކޮންކޮން މަޝްރޫއުތަކެއް ކަމެއް ބަޖެޓުގައި ހިމަނާފައެއް ނެތެވެ. ސަރުކާރުން ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުން ޚަރަދު ކުރަން ފަށާ ފަހުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް މަޖިލީހުން ވަނީ ލަފާ ދީފައެވެ.
މީގެ އިތުރުން ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫޢުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫޢުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާރޗް މަހުގެ ކުރިން މަޖިލިހަށް ފޮނުވުމަށް ވެސް ވަނީ ލަފާދީފައެވެ.
މަޖިލީހުން ދޭ މިފަދަ ލަފަ އަކީ ސަރުކާރުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމު އެއްޗެއް ނޫންކަން ފާހަގަ ކުރެވެއެވެ.
ކުރީގެ އަހަރުތަކާ ޚިލާފަށް، މި ބަޖެޓުގައި ސަރުކާރުން ފަންޑުކުރާ މަޝްރޫޢުތަކުގެ ތަފްސީލު ހިމެނިފައިނުވާތީ، ސަރުކާރުގެ މެންބަރުންނާއި އިދިކޮޅު ޕާޓީތަކުގެ މެންބަރުންވެސް ބަޖެޓު ބަހުސް ގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޚާއްސަކޮށް ހިނގަމުންދާ އަހަރުގެ ބޮޑު ބަޖެޓު ހުސްވެ، ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރި އިރު ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓިފައިވާތީ އާއި އައު މަޝްރޫއެއް ފަށާފައި ނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސް ކަމެއްގައި ކަން މެންބަރުން ވަނީ ފާހަގަ ކޮށްފައެވެ.
ބަޖެޓް ކޮމިޓީން އެންމެ ފުރަތަމަ ހުށަހެޅީ ސަރުކާރުން މަޝްރޫޢުތަކުގެ ތަފްސީލު ހުށަހަޅައި، އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެއް ފަހަރު މަޖިލީހަށް އަޕްޑޭޓް ދިނުމަށެވެ. ނަމަވެސް، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި މި ހުށަހެޅުން އުނިކުރުމަށް 68 މެންބަރުންގެ ވޯޓުން ފާސް ކުރިއެވެ. މި ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެހެން ކަމުން ބަޖެޓް ފާސް ކުރީ މަޝްރޫއުތަކަށް ބަޖެޓް ޚަރަދު ކުރެވެމުންދާ ގޮތުގެ އަޕްޑޭޓް މަޖިލީހަށް ހުށަހަަޅަން ނުޖެހޭ ގޮތަށެވެ.
2025 ވަނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަދަދުތައް:
- ޖުމްލަ ބަޖެޓް: 56.6 ބިލިއަން ރުފިޔާ
- ޚަރަދު: 49.2 ބިލިއަން ރުފިޔާ
- ރިކަރަންޓް ޚަރަދު: 35.9 ބިލިއަން ރުފިޔާ
- ކެޕިޓަލް ޚަރަދު: 13.3 ބިލިއަން ރުފިޔާ
- އާމްދަނީ އާއި ހިލޭ އެހީ: 39.8 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 2.5 ބިލިއަން ރުފިޔާ
- ދަރަނި އަދާކުރުން: 3.9 ބިލިއަން ރުފިޔާ
- ބަޖެޓް ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ (ޖީޑީޕީގެ 7.8%)