ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން، އާސެނަލް ފަސް ލަނޑުގެ މޮޅެއް ހޯދައިފި އެވެ.
ސްޕޯޓިންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އާސެނަލް އިން ސްޕޯޓިންގެ މައްޗަށް ކުރި ހޯދީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، މި ހާފުގައި ސްޕޯޓިން އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ގަބްރިއެލް މާޓިނެލީ ވަނީ ލަނޑު ޖަހައި އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖަަހައިި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ގަބްރިއެލް މަގާޅައެސް އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސްޕޯޓިންގެ ހަމައެކަނި ލަނޑު ޖެހީ ގޮންޒާލޯ އިނާޝިއޯ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އާސެނަލްގެ ހަތަރު ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ބުކަޔޯ ސަކާ ޖެހި ލަނޑެކެވެ. އަދި މެޗުގައި އާސެނަލްގެ ފަސް ވަނަ ލަނޑު، 82 ވަނަ މިނެޓުގައި ޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ.
މޮޅާއެކު އާސެނަލް އޮތީ ލީގު ތާވަލްގެ ހަތް ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ފަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. އާސެނަލް އަތުން ބަލިވި ސްޕޯޓިން އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު އަށް ވަަނައިގަ އެވެ.