ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދ. ކުޑަހުވަދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެންބޮޑުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ކުޑަހުވަދޫއަށް ބޯކޮށްވާރޭވެހި އެ ރަށުގެ މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި ފެން ހިއްކުމުގައި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ނައިބް ރައީސް އަލީ ސައުދު ވިދާޅުވީ، މަގުތަކުގައި ވަރަށް ބޮޑަށް ފެން ހެދިފައިވާ ކަމަށެވެ. އެގޮތުން ކުޑަހުވަދޫގެ ބައެއް މަގުތައް ތާރު އަޅައި، ރަނގަޅު ފެނަވަރަކަށް ހަދަފައިވާއިރު، ސައުދު ވިދާޅުވި ގޮތުގައި ފެން ހެދެމުން ދަނީ މަގުތަކާއި ގުޅިފައިހުރި ގޯޅިތަކުގައެވެ. ސަބަބަކީ ނުހަދައި ހުރި މަގުތައް ކުޑަކޮށް އަޑިކޮށް ހުރުމުގެ ސަބަބުންކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ، ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެޔަކަށް ގެއްލުންވިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
ޤައުމީ މޫސުމާއިބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 20 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ޤައުމީ މޫސުމާއިބެހޭ އިދާރާއިން ބުނެ އެވެ.
ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ޤައުމީ މޫސުމާއިބެހޭ އިދަރާއިން އިލްތިމާސްކުރެއެވެ.