ސާޖެންޓް އެޓް އާމްސްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓި 22 މުވައްޒަފަކު ގޭގައި ބައިތިއްބާ މުސާރައިގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ދީފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި ރިޕޯޓްގައި ބުނެފައި މަޖިލީހުގެ ސެކިއުރިޓީ ކަންކަން ބެލުމަށް ސާޖެންޓް އެޓް އާމްސް އުފައްދާފައިވަނިކޮށް މަޖިލީހުގެ ސެކިއުރިޓީ ކަންކަމާ އެމްއެންޑީއެފުން ހަވާލުވުމަށްފަހު، އޭރު ސާޖެންޓް އެޓް އާމްސްގެ ބެލުމުގެ ދަށުން މަސައްކަތްކުރަމުން ގެންދިޔަ 22 މީހަކު މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ މުއްދަތު ފަސްކުރުމުގެ ސަބަބުން ނޮވެމްބަރު 5، 2015ން ފެށިގެން ޖެނުއަރީ 28، 2017ގެ ނިޔަލަށް އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ސަލާމަތީ ކަންކަން ބެލުމަށް އުފެއްދި ފޯސް އުވާލުމަށް ނިންމާ އެމީހުން ގޭގައި ތިބި މުއްދަތައްވެސް މުސާރަ ދީފައިވާއިރު އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުންގެ ފަރާތުން އެއްވެސް ހިދުމަތެއް ހޯދާފައިނުވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން މަޖިލީހުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައި އިތުރު ބަޔަކު ޝާމިލް ނުކުރަން ނިންމީ 2015 ވަނަ އަހަރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެންނެވެ. ނޮވެމްބަރު 4، 2015 އިން ފެށިގެން އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔައީ ގައުމީ ދިފާއީ ބާރުންނެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ސާޖަންޓް އެޓް އާމްސްގެ މުވައްޒަފުންނަށް ދެ މަސް ދުވަހު ނޯޓިސް ދިނުމަށްފަހު، ވަޒީފާއިން ވަކިކުރަން ދޭން ޖެހޭ ނޯޓިސް ފޮނުވާފައި ވަނީ ވަޒީފާ އަށް ނުނުކުންނަ ގޮތަށް ހަމަޖެއްސިތާ އެއް އަހަރުފަހުން ނެވެ.
އެކަންކަން އިސްލާހުކުރުމުގެ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވި ލަފާގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންކަން އިންތިޒާމްކުރުމުގައި ދައުލަތުގެ ބަޖެޓަށް ހަރަދު ކުޑަވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް އަންގާ ކަމަށެވެ.