ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ ބަދަލު ކުރުމަށް ބުދަ ދުވަހުގެ ހެނދުނު ފުރަތަމަ ކިޔުން އިއްވި ބިލު، ބުދަ ދުވަހުގެ ހަވީރު ފާސް ކޮށްފިއެވެ.
ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުން ހިނގަމުންދާ މަޖިލިސް އިން ބިލު ފާސް ކުރި އިރު އިދިކޮޅު އެމްޑީޕީން ގެންދިޔައީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރަމުންނެވެ.
ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދިން އިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 13 މެމްބަރުންނެވެ.
ތަޅުމުގައި ނެގި ވޯޓުގައި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީ ގެ މެންބަރުންގެ އިތުރުން އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ.
ސަރުކާރުން ގާނޫނު އަސާސީ އަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން މެމްބަރުކަން ގެއްލޭ ގޮތް ހެދުމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ކަނޑައެޅުމާއި، ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުން ހިމެނެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލު ބުދަ ދުވަހުގެ މެންދުރުކުރީގެ ދަންފަޅީގައި މަޖިލީހުން ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވުމަށް ފާސް ކުރިއެވެ. މުޅި މަޖިލީހުގެ ކޮމިޓީގައި ނެގި ވޯޓުގައި ބިލު ފާސްކުރަން ހާޒިރުވެ ތިބި 89 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓުދެއްވިއެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެންބަރުންނެވެ.
ރައްޔިތުންގެ އެއްވެސް މަޝްވަރާ އެއް ނެތި، ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މުއިއްޒުގެ ސަރުކާރުން އުޅުމުން އެކަމާ ދެކޮޅަށް "ގާނޫނު އަސާސީގެ ދިފާއުގައި" ރައްޔިތުންގެ މަޖިލިސް ހުންނަ ސަރަހައްދަށް އެމްޑީޕީގެ މެމްބަރުން ބުދަ ދުވަހުގެ މެންދުރުފަހު އެއްވެ ވަނީ އަޑުއުފުލާ މުޒާހަރާ ކޮށްފައެވެ.