2025 ވަނަ އަހަރުގެ ބަޖެޓުގައި ވަކިވަކި ރަށްރަށަށް ޕްރޮޖެކްޓްތަކުގެ ތަފްސީލު ހިމަނާފައި ނުވަނީ، ބަޖެޓަށް ކުރާ ޕްރެޝަރު ކުޑަކުރުމަށާއި މިނިސްޓްރީގެ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވި ގޮތުގައި މި އުސޫލުން ކުރިއަށް އޮތް އަހަރު ޤައުމުގެ މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާވެގެންދާނެ ކަމަށެވެ.
އެހެން ނަމަވެސް، ރަށްރަށަށް ބަޖެޓުން ކޮށްދޭނެ ކަންކަން ނުހިމަނާ އޮތުމުން މާލީ ކަންކަން ހަރުދަނާވާނޭ ގޮތެއް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ.
މުއިއްޒު ސަރުކާރުން މަޖިލިހަށް ހުށަހަޅާ ފުރަތަމަ ބަޖެޓުގައި، ރަށްރަށުގައި ހިންގާނެ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލު ނުހިމެނުމުން އެކަމުގެ ކަންބޮޑުވުން ތައް އިދިކޮޅު މެމްބަރުންނާއި ކައުންސިލްތަކުން ވެސް އަންނަނީ ފާޅު ކުރަމުންނެވެ.
ރަށްރަށުގައި ހިންގާނެ ތަރައްގީގެ މަޝްރޫއުތައް ނުހިމަނާ މި ފަހުގެ ތާރީޚެއްގައި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅި މިއީ ފުރަތަމަ ފަހަރެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ހިންގެވި ކެމްޕޭންގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނެ ކަމަށާއި، ފަށާފައި ހުރި މަޝްރޫއުތައް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވި ނަމަވެސް ވެރިކަމުގެ ފުރަތަމަ އަހަރު ނިމުނު އިރު ކުރީ ސަރުކާރުން ރަށްރަށުގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުރީ ހުއްޓިފައެވެ. ކުރިއަށް އޮތް އަހަރަށް ހުށަހަޅާފައިވާ ރެކޯޑް މިންވަރުގެ ބަޖެޓުގައި މަޝްރޫއު ތަކުގެ ތަފްސީލު ނެތުމާއެކު އައު މަޝްރޫއެއް ފެށިދާނެ ކަމުގެ ޔަގީންކަން ނެތް އިރު، ފަށާފައި މިހާރު ހުއްޓިފައި ހުރި މަޝްރޫއެއް ކުރިއަށް ދާނެ ކަމުގެ އުއްމީދުވެސް ވަނީ ކުޑަވެފައެވެ.
ބަޖެޓް އާ ބެހޭ ގޮތުން މަޖިިލީހުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އަންނަ އަހަރު އިސްކަން ދިނުމަށް ވިސްނާާފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ޕްރޮޖެކްޓް ލިސްޓުގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން، ސަރުކާރުން ދަނީ ޚަރަދު ކުޑަކުރުމުގެ ސްޓްރެޓެޖީތައް ބަލަމުން ކަމަށެވެ. މީގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް އިންޝުއަރެންސް އަމިއްލަ ފަރާތްތަކާ ހަވާލުކުރުން ހިމެނެއެވެ. މިހާތަށް ފުލުހުންނާއި ސިފައިންނަށް މެޑިކަލް ކަންކަމަކީ ސީދާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮށްދެމުން އައި ކަމެއް ކަން ފާހަގަ ކުރެވެއެވެ.
މީގެއިތުރުން، ޒަމީރު ވިދާޅުވީ ދިވެހިރާއްޖެއަށް ބޭރުގެ ފަރާތަކުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ލިބުމުގެ ޔަގީންކަން ސަރުކާރަށް ވަނީ ލިބިފައެވެ. އޭނާ ވިދާޅުވީ، މިހާރު އޮތީ އެ އެހީ ހަމަޖެހުމުގެ އެންމެ ފަހު މަރުހަލާގައެވެ. އަދި މި ފައިސާ ލިބޭނެކަމުގެ ޔަގީންކަން ޒަމީރު ދެއްވި އިރު، އެ އެހީ ދެނީ ކޮން ފަރާތަކުން، ކޮން ޓާމްސް އެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.