ރައްޔިތުންގެ މަޖިލީހުން ބައެއް ދަތުރުތައް ކުރުމަށް ޓިކެޓް ނެގުމަށް ފަހު ކެންސަލް ކުރުމުން ބައެއް އެއާލައިންތަކުން ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ނުލިބިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓަރު ޖެނަރަލް ހަސަން ޒިޔަތު ސޮއި ކުރައްވާ ނެރުއްވި ރައްޔިތުންގެ މަޖިލީހުގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ ކެންސަލް ކޮށްފައިވާ ދަތުރުތަކަށް އެއާލައިންތަކުން ލިބެން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން 2015 ވަނަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް ރަސްމީ ދަތުރުތައް ކުރުމަށްޓަކައި ފައިސާ ދައްކާފައިވާ ޓިކެޓްގެ ތެރެއިން ކެންސަލް ކޮށްފައިވާ ދަތުރުތަކަށް ރިފަންޑުގެ ގޮތުގައި ލިބެންވާ 1،921،193 ރުފިޔާ (އެއް މިލިއަން ނުވަ ސަތޭކަ އެކާވީސް ހާސް އެއް ސަތޭކަ ނުވަދިހަ ތިނެއް ) ރުފިޔާ 3 ފެބްރުއަރީ 2016 ގެ ނިޔަލަށް ލިބެން ޖެހޭއިރު އެ ލިބިފައިނުވެ އެވެ.
އޭގެ ތެރޭގައި 2013 ވަނަ އަހަރު ދައްކާފައިވާ 552،741 ރުފިޔާ ( ފައްސަތޭކަ ސަންސާސް ދެހާސް ހަތް ސަތޭކަ ސާޅީސް އެކެއް ) ރުފިޔާ އާއި 2014 ވަނަ އަހަރު ފައިސާ ދައްކާފައިވާ ޖުމްލަ 445،472 ރުފިޔާ ( ހަތަރު ސަތޭކަ ސާޅީސް ފަސްހާސް ހަތަރު ސަތޭކަ ހަތްދިހަ ދެ އެއް ) ރުފިޔާގެ އިތުރުން 2015 ވަނަ އަހަރު ފައިސާ ދައްކާފައިވާ 922،980 ( ނުވަ ސަތޭކަ ބާވީސް ހާސް ނުވަ ސަތޭކަ އަށްޓިހަ ) ރުފިޔާ ހިމެނެ އެވެ.
ދައުލަތުގެ އިދާރާއަކަށް ލިބެންވާ ފައިސާއެއް ނުލިބި އެއް މަސް ދުވަސް ހަމަވެއްޖެ ނަމަ އެ ފައިސާ ހޯދަން އަޅާ ފިޔަވަޅުތަކުގެ އިތުރަށް އޮޑިޓަރ ޖެނަރަލް އޮފީހަށާއި ފިނޭސް މިނިސްޓްރީއަށް އެކަން އަންގަންވާނެ އެވެ. އަންގާއިރު އެ ފައިސާއާމެދު ކަން ހިނގާފައިވާ ގޮތުގެ ތަފްސީލް އޮންނަން ވާނެކަން ބަޔަންކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.
އެހެންމެ މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތުން މި ފައިސާ ލިބެންވާ މުއްދަތުގެ ތެރޭގައި ނުލިބިއްޖެ ނަމަ ޝަރީއަތަށް ވެސް މައްސަލަ ހުށަހަޅަންޖެހޭއިރު އެއިން އެއްވެސް ކަމެއް މަޖިލީހުން ކޮށްފައިނުވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.