އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ފިޒްޖެރަލްޑް އާއި ފިލިޕީންސްގެ ކޮންޓެއިނަރ އުފުލާ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓްގައި އެ މަނަވަރުގެ ހަތް ފަޅުވެރިން މަރުވި ހާދިސާއަށް ފަހު އެމެރިކާގެ ކަނޑުގެ ސިފައިންނަށް ފިޔަވަޅު އަޅައިފި ކަމަށް ޔޫއެސް ނޭވީން ބުނެފިއެވެ.
ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި ފިލިޕީންސްގެ ދިދައިގައި ދަތުރުކުރި އޭސީއެކްސް ކްރިސްޓަލް އާއި ޔޫއެސްއެސް ފިޒްޖެރަލްޑްޖެހިފައި ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ޑެޕިއުޓީ ޗީފް އޮފް ނޭވަލް އޮޕަރޭޝަންސް، އެޑްމިރަލް ބިލް މޮރާން ވިދާޅުވީ ކޮމާންޑިންގ އޮފިސަރާއި އަދި އިސް ދެ ކްރޫއަކު މަނަވަރުން ބާލާފައެވެ. ދެން އެމީހުން މަނަވަރުގައި މަސައްކަތް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަނޑުގެ ސިފައިންގެ ފައުޖް ލީޑް ކުރުމުގައި އެމީހުންގެ ގާބިލްކަމާ މެދު އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެހާދިސާގައި އެމެރިކާގެ މަނަވަރުގައި ބޮޑު ބާގަނޑެއް ހެދި އެންމެ ތިރީ ޑެކަށް ފެންވަދެފައި ވެއެވެ.
އުމުރުން 19 އަހަރާއި 37 އަހަރާ ދެމެދުގެ ހަތް ފަޅުވެރިން މަރުވި އިރު އެމީހުން ފެނިފައި ވަނީ އެ މީހުންތިބި ތަނަށް ޑައިވަރުންނަށް ވަދެވުމުންނެވެ. ހަލާކުވެފައިވާ އެ ބަންކްގެ ތެރޭގައި އެމީހުން ތިބީ ތާށިވެފައެވެ.
ކޮމާންޑިންގ އޮފިސަރު ހުރީ އޭނާގެ ކެބިންގައި ތާށިވެފައެވެ.
އޭސީއެކްސް ކްރިސްޓަލްގެ ކުރީކޮޅަށް ލިބުނު ގެއްލުން ފިޔަވައި އެ އުޅަނދަށް މާބޮޑު ގެއްލުމެއް ވެފައެއް ނުވެއެވެ.
ފިލިޕީންސްގެ ބޯޓްގައި 20 ކްރޫ މެމްބަރުން ތިބިއިރު އެއްވެސް މީހަކު ޒަޚަމްވެފައެއް ނުވެއެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދަކީ ޓޯކިޔޯ ބޭ އަށް ވަދެނުކުމެވާ އާގު ބޯޓުފަހަރު ގިނަ ކަމުން ކާރޫބާރު ބޮޑު ސަރަހައްދެކެވެ. ނަމަވެސް ޔޫއެސްއެސް ފިޒްޖެރަލްޑްއަކީ ދެނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ ވަރުގަދަ އެއް ރާޑަރު ސިސްޓަމް ހަރުކޮށްފައިވާ އުޅަނދެވެ.
ކާގޯ އުފުލާ 200 މީޓަރުގެ ދިގު ބޯޓް ޖެހުނު އިރު އޭގެން ނުރެކެވެމުން ވަނީ ސުވާލު އުފެދިފައެވެ.