އިރުއުތުރު ޗައިނާގެ ޕެޓްރޯޗައިނާ ކުންފުނީގެ ތެޔޮ ޕްލާނެއްޓެއްގައި ރޯވެއްޖެ އެވެ.
މި ތެޔޮ ޕްލާންޓަކީ ޗައިނާގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އެއް ތެޔޮ ޕްލާންޓެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު ރޯވި އަލިފާންގަނޑު ވަނީ އެހާބޮޑަށް ނުފެތުރެނީސް ނިއްވާލާފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ގާތްގަނޑަކަށް 600 ފަޔަރ ފައިޓަރުން އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވެފައިވާ އިރު އަލިފާންގަނޑު ނިއްވާލުމަށް ފަހު ވެސް ރިފައިނަރީ ޕްލާންޓް ފިނިވަންދެން ފަޔަރ ފައިޓަރުން ވަނީ އެތައް ގަޑި އިރުތަކެއް އެސަރަހައްދުގައި ހޭދަކޮށްފަ އެވެ.
ބުރާސްފަތި ދުވަހު ހަވީރު 06:30 ހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ، ރޭގަނޑު 09:00 ހާއިރު އެވެ.
ޗައިނާގެ ލިޔޮނިންގ ޕްރޮވިންސްގެ މައި ސިޓީކަމުގައިވާ ޑާލިއަންގައި ޕެޓްރޯޗައިނާގެ ތިން ތެޔޮ ޕްލާންޓް ވަނީ ގާއިމްކޮށްފަ އެވެ. އެ ތިން ޕްލާންޓުން ގާތްގަނޑަކަށް ދުވާލަކު ހަތަރު ލައްކަ ފީފާ ތެޔޮ ސާފުކުރެވެ އެވެ.
މިހާދިސާ ހިނގަން ދިމާވި ސަބަބު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން އެ ސަރަހައްދުގެ ތިމާވެއްޓަށްކޮށްފައިވާ އަސަރުތައް ދެނެގަތުމުގެ މަސައްކަތް އެންވަޔަރމެންޓުން އިންސްޕެކްޓަރުން ދަނީ ކުރަމުންނެވެ.
ތެޔޮ ޕްލާންޓްގައި ރޯވި ނަމަވެސް، ތެޔޮ ސާފުކުރުމުގެ އޮޕަރޭޝަންތަކަށް އަލިފާނުގެ އަސަރެއް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެެވެ.
މިހާދިސާއާ ގުޅިގެން ޕެޓްރޯޗައިނާއިން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މިފަދަ ހާދިސާއެއް 2013 ވަނަ އަހަރު ވެސް ޕެޓްރޯޗައިނާގެ ތެޔޮ ޕްލާންޓެއްގައި ވަނީ ހިނގާފައިވެ އެވެ. އެހާދިސާގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ އިރު ދެ މީހަކަށް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.