ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބަލިވިއިރު، އެއްވެސް ބަހަނާއެއް ނުދައްކައި މެޗުގެ ނަތީޖާ ޤަބޫލު ކުރަން ޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.
ސޮސިއެޑާޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ބާސެލޯނާގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ. އެ މެޗުގައި ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން ލެވަންޑޯސްކީ އޮފްސައިޑުގައި ހުރުމުންނެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ، އެ ދުވަހަކީ ބާސެލޯނާގެ ދުވަހެއް ނޫން ކަމަށާއި، މެޗުގެ ނަތީޖާ ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ބުނީ އެ މެޗުގައި ބާސެލޯނާ އިން ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކެން ޖެހޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އޭނާ ބުނީ މެޗު ފަށައިގެން ފުރަތަމަ ވަގުތުތަކުގެ ތެރޭގައި ބާސެލޯނާ އަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށެވެ. އެހެން ނަމަވެސް، މެޗުގެ ބާކީ ބައިގައި ބާސެލޯނާ އަށް އެ ކުޅުން ތަކުރާރު ނުކުރެވުނު ކަމަށާއި، ލަނޑު ޖެހުމަށް އެކަށީގެންވާ ފުރުސަތުތަކެއް ވެސް ތަނަވަސް ކުރެވިފައި ނުވާ ކަމަށް ފްލިކް ބުންޏެވެ.
އޭނާ ބުނީ މެޗުގައި ބާސެލޯނާ އިން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ބާސެލޯނާ އަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. އެކަމުގެ ތެރޭގައި ބާސެލޯނާގެ ކުޅުންތެރިން "ތާށިވެފައި" ތިއްބައި ސޮސިއެޑާޑުން ލަނޑު ޖެހީ ކަމަށް ވެސް ފްލިކް ބުންޏެވެ. މެޗުގެ އެންމެ ފަހު ވަގުތަށް ބަލާއިރު ބާސެލޯނާގެ ފަރާތުން ފެނުނީ އިންތިހާ އަށް ދަށް ކުޅުމެއް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މެޗު ރަނގަޅަށް ފަށައިގެން ބާސެލޯނާ އިން ލަނޑެއް ވެސް ޖެހި ކަމަށާއި، އެ ލަނޑު ބަލައި ނުގަންނަން ނިންމީ އެންމެ ރަނގަޅަށް ނޫން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.
މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާގެ ދެ ވަނަ ބައްޔެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެ ޓީމަށް 33 ޕޮއިންޓު ލިބޭއިރު، ބާސެލޯނާ އޮތީ އެއް ވަނައިގަ އެވެ. ބާސެލޯނާ އަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 27 ޕޮއިންޓެވެ. އެހެންކަމުން މެޗުގެ އަދަދު ހަމަކުރާައިރު، އެ މެޗުން މޮޅުވެ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލަށް އޮންނާނެ އެވެ.