ސައުދީ ޕްްރޯ ލީގުގައި އަލް އިއްތިފާޤާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އަލް ޙިލާލް އިން އެއް ވަަނަ މަޤާމުގައި ދެމި އޮވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އަލް އިއްތިފާޤާ ދެކޮޅަށް ކުޅުނު މެޗު އަލް ޙިލާލް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ޙިލާާލް އިން ވަނީ އެއް ލަނޑު ޖަހައިފަ އެވެ. ފަހު ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، އަލް އިއްތިފާޤުން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ ސާބިއާގެ އެލެކްސެންޑާ މިޓްރޮވިޗް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރެނާން ލޮޑީ އެވެ. މެޗުގެ އަނެއް ތިން ލަނޑު ވެސް ފެނުނީ ފަހު ދިހަ މިނެޓޫގެ ތެރޭގަ އެވެ. އެގޮތުން މެޗުގެ 81 ވަނަ މިނެޓުގައި އަލް ޙިލާލްގެ ދެ ވަނަ ލަނޑު ޖެހީ މެލްކޮމް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޢަބްދުﷲ އަލް ޙަމްދާން އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް އިއްތިފާޤަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވިޓީނޯ އެވެ. އޭގެ ދެ މިނެޓު ފަހުން މުޙައްމަދު އަލް ޤަޓާނީ ވަނީ އަލް ޙިލާލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.
މޮޅާއެކު އަލް ޙިލާލް އެއް ވަަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. އެެއީ މިހާތަނަށް ކުޅުނު 10 މެޗުން 28 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް އަލް އިއްތިހާދަށް ލިބެނީ 27 ޕޮއިންޓެވެ. ތިން ވަަނައިގައި އޮތް އަލް ނަޞްރަށް ލިބެނީ 22 ޕޮޮއިންޓެވެ.