ސަރުކާރުން މާލޭގެ އެކި ސަރަހައްދު ތަކުން ވިއްކަން އުޅޭ ބިންތައް ގަންނަން ތިބި ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޢަލީ ހުސައިން މި އިންޒާރު ދެއްވީ ކަމަދޫން ހުސްވެފައިވާ ކައުންސިލް ގޮނޑިއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ސާޖިދަށް ތާއީދު ހޯދުމަށް ބުރާސްފަތި ދުވަހުގެރޭ ބ ކަމަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިޖަލްސާގައި ބ އަތޮޅަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރ އަދި ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ މިސަރުކާރުން މިޤައުމުގައި ވަރަށް ބޮޑު ކަމެއް އެބަ ހިންގާ ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއާ ޚިލާފަށް މިސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް މާލެއިން ބިން ވިއްކަން ތައްޔާރު ވެފައިވާ ކަމަށް ވިދާޅުވިއެވެ.
ޢަލީ ހުސައިން ވިދާޅުވީ މި ޤައުމުގައި ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގާ ކަމަށާއި ފުރަ މާލޭގައި ޤާނޫނާ ޤާނޫނު އަސާސީއާ ޚިލާފަށް ބިންތަކެއް ވަރަށް ބޮޑު އަގުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށެވެ.
ޢަލީ ހުސައިން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ބިން ނުވިއްކޭނެ ކަމަށް ހައިކޯޓުން ހުކުމެއް ކޮށްފައިވާ ކަމަށާއި ކޯޓުތަކުން ނިންމާފައިވާ ނިންމުމަކާ ދެކޮޅަށް ބިން ވިއްކޭނީ ބިމާ ބެހޭ ޤާނޫނަށް އިސްލާހް ގެނެސްގެން ކަމަށެވެ.
ސަރުކާރުން ވިއްކަން އުޅޭ ބިން ގަންނަން ތިބި ފަރާތްތަކަށް އިޝާރާތް ކުރައްވާ އަލީ ހުސައިން ވިދާޅުވީ އެބިން ތަކާ ގާތް ނުވުމަށް ގޮވާލައްވާ ކަމަށެވެ.
" މިކަމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓުތަކުން ވަކިން ޚާއްޞަކޮށް ހައިކޯޓުން ނިންމާފައިވާ މައްސަލައެއް. ބަންޑާރަ ބިމަކީ މިގޮތައް ގަނޑުކޮށް ދައުލަތުން ވިއްކޭނެ އެއްޗެއް ނޫންކަން މިހާރު މިއޮތް ބިމާބެހޭ ޤާނޫނު ބަދަލު ނުކޮށް ދައުލަތުން ބަންޑާރަބިން ނުވިއްކޭނެކަން ރާއްޖޭގެ ކޯޓުތަކުން މިވަނީ ނިންމާފައި. އެހެން ކަމުން އަޅުގަނޑު ދަންނަވަން އޮތީ މިބިން ގަތުމަށް ގަސްދު ކުރައްވާފައި އޮތް ބޭފުޅުންނަށްވެސް ދަންނަވަން އޮތީ ހޯހޯއޭ ތިޔަބޭފުޅުން އެއާ ޤާނޫނާ ޚިލާފް ނުވާށޭ ޤާނޫނާ ޚިލާފަ ކަމެކޭ އެއީ. އދަި އެފައިސާއިން އަޅުގަނޑުމެންނަށް ކުރާނެ އެއްވެސް ރާހަތެއް ވެސް ނޯންނާނެއޭ. އެއަޅާނީ ކަނޑަށްކަމެއް އެފައިބައިގެންދާނީ ބިމު އަޑިއަށް ކަމެއް ނޫނީ ވަންނާނީ ދޫވެއްސަށް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ" ޢަލީ ހުސައިން ވިދާޅުވިއެވެ.
ޢަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީނަކީ ވާ ވައުދު ފުއްދާ ބޭފުޅެއް ނޫން ކަމަށާއި ކަމަދޫއަށް ވަޑައިގަންނަވަން ރައީސް ޔާމީން ލަދުގަންނަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ޢަލީ ހުސައިން ވިދާޅުވީ މިކެންޕޭނަކީ ސާޖިދުގެ ކެންޕޭނެއް ނޫން ކަމަށާއި ސާޖިދުއާ ބެހޭވެސް ކަމެއް ނޫން ކަމަށެވެ. 3 ޕާޓީއާއި ރައީސް މައުމޫންގެ ބޭފުޅުން ފޮނުވައިގެން މަސައްކަތް މިކުރަނީ ޤައުމީ ކަމަކަށް ވާތީ ކަމަށެވެ. ސާޖިދަށްދޭ ވޯޓަކީ ކޮރަޕްޓް ސަރުކާރު ނިމުމަކަށް ގެންނަން ދޭ ވޯޓެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ޢަލީ ހުސައިން ވިދާޅުވީ އައިޖީއެމްއެޗްގައި އަޅާ 25 ބުރީގެ އިމާރާތަށް 150 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށެވެ.
ޑިސައިން ކުރުމަށާއި ކުރެހުމަށް އެކަނިވެސް 27 މިލިއަން ރުފިޔާ ޚަރަދު ކުރާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މި ޕްރޮޖެކްޓްގައިވެސް ބޮޑު ކޮރަޕްޝަނެއް ހިމެނޭ ކަމަށެވެ.