އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ކޮން ފަރާތަކުންތޯ ބެލުން އީރާނަށް މުހިންމެއް ނޫން ކަމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ވެރިރަށް ތެހުރާނުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިފަރާތެއް އީރާނަށް މުހިންމު ނުވަނީ އިސްލާމީ ޖުމްހޫރިއްޔާ ބަރޯސާވަނީ އެގަމުގެ އަމިއްލަ އިއްޒަތާ ޤައުމެއްގެ ހައިސިއްޔަތުން ޤައުމުގެ އަމިއްލަ ބާރުގެ މައްޗަށް ކަމުގައި ވާތީ ކަމަށެވެ.
އެހެން ޤައުމުތަކާއެކު ގުޅުން ތަރައްޤީކޮށް ފުޅާކުރުމަށް "އެއްވެސް ހުރަހެއް" ނެތްކަމަށް އީރާނުން ދެކޭކަން އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
"މުސްލިމް އަދި އަވަށްޓެރި ޤައުމުތަކާއެކު ގުޅުން ބަދަހި ކުރުމަކީ އީރާނުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. މުސްލިމް ޤައުމުތަކުގެ މެދުގައި އެއްބައިވަންތަ ކަމާއި އެކުވެރިކަން އިތުރުކުރުމަކީ އީރާނުން ޤަބޫލުކުރާ ގޮތް،" އޭނާ ވިދާޅުވިއެވެ.
"މުސްލިމް ދުނިޔޭގެ ހުރިހާ ޤައުމުތަކުން އުޚުއްވަތްތެރިކަމާއެކު އެއްބައިވެއްޖެ ނަމަ، ޒަޔަނިސްޓު ވެރިކަމުން ހައްގުތައް ނިގުޅައިގެންފައިވާ ފަލަސްތީނު އަދި ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ކުށްތައް ކުރާކަށް ނުކެރޭނެ،" ޕެޒެޝްކިއަން ވިދާޅުވިއެވެ.
އޭގެ އިތުރުން، އީރާނުގެ ސްޓްރެޓީޖިކް ކަންކަމާބެހޭ ނައިބު ރައީސް މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވި ގޮތުގައި އެމެރިކާގެ ގިނަ މުސްލިމުން ހިމެނޭގޮތަށް، އެ ގައުމުގައި ވޯޓު ދިން ފަރާތްތަކުން، ވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި ލުބުނާނުގައި ހިންގަމުންދާ ޖަރީމާތަކަށް އެމެރިކާއިން މި ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހު ދިން ލަދުވެތި އެއްބާރުލުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައި ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ [ޑޮނަލްޑް] ޓްރަމްޕް އަދި [ޖޭޑީ] ވޭންސްގެ ކުރިއަށް އޮތް ސަރުކާރުން ހަނގުރާމަތައް ހުއްޓުވުމާ ގުޅޭގޮތުން އިންތިޚާބީ ވަޢުދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، ހަނގުރާމަތައް ނިމުމަކަށް ގެންނާނެ ކަމަށް،" ޒަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާނަކީ ކޮންމެ ފަދަ އަދާވާތްތެރިކަމަކާ ވިޔަސް ކުރިމަތިލުމުގެ ޢަޒުމާއި ޤާބިލުކަން ރަނގަޅަށް ދައްކާފައިވާ ޤައުމެއް ކަމަށާއި، އެ ޤައުމަށް ބިރުދެއްކުމަކުން ނުގުޑާނެ ކަމަށެވެ.
އީރާނު ޕާލަމެންޓުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތު ކޮމިޓީގެ އިސްވެރިޔާ އިބްރާހިމް އަޒީޒީ ވިދާޅުވި ގޮތުގައި ޓްރަމްޕް އިންތިޚާބުވުމަކުން އެމެރިކާއާ މެދު އީރާނުން ގެންގުޅޭ ސްޓްރެޓީޖިކް ސިޔާސަތުތަކަށް އަސަރެއް ނުކުރާނެ އެވެ. އަދި އިޒްރޭލުން ދާދި ފަހުން އީރާނަށް ދިން އަދާވާތްތެރި ހަމަލާއަށް އީރާނުން ދޭންޖެހޭ ހަރުކަށި ރައްދު ދިނުމަކަށް ހުއްޓުމެއްވެސް ނާންނާނެ ކަމަށެވެ.