ގޭންގާއި މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނަގާނެކަމަށް ދާޚިލީ ވަޒީރު ވިދާޅުވެއްޖެއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެފައިވަނީ ގޭންގުތައް ހިންގުމަށާއި، މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަން ދަޢުލަތަށް ނެގޭނެގޮތަށް ޤާނޫނަށް ބަދަލުގެންނަވާނެ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ފްލެޓެއްގައި ރަހީނުކޮށްފައިވާ މީހަކު ސަލާމަތްކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު، ރާއްޖޭގައި ގޭންގު ކުށްތަކާއި، މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ މައްސަލަ އޮތީ އިންތިހާއަށް އިތުރުވެފައި ކަމަށެވެ.
ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހުގައި އެފަދަ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މަޝްރޫޢުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގައި ގޭންގުތަކާއި މަސްތުވާތަކެތީގެ އައްޑާގެ ގޮތުގައި ހިންގާ ތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިހާރުވެސް ބައެއް ފްލެޓްތައް، ކުށްކުރާ މީހުންގެ ހާއްޔެއްގެ ގޮތުގައި އެބަ ބޭނުންކުރޭ. އެޗްޑީސީއާއި ގުޅިގެން އެކަން ބެލުމުގެ މަސައްކަތްތައް ފަށާނަން. ކުށްކުރުމުގެ ވެއްޓެއްގެ ގޮތުގައި އެފަދަ ހައުސިން ޔުނިޓެއް އެކަން ޙައްލުނުކޮށް ކުށްކުރުމުގެ މާޙައުލަށް ހުޅުވާލާފައި އޮންނަނަމަ، އެތަންތަން އަނބުރާ ދަޢުލަތަށް ނެގޭނެ ގޮތެއް ހޯދާނަން," ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ތަކުރާރުކޮށް ކުށްކުރާ މީހާ ޤާނޫނުގެ އަތްދަށުން ދޫވެގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާތަނަށް އެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ދެވެމުންގޮސްފައި އޮތްތަން ފެންނަން އެބައޮތްކަމަށާއި، އިދާރީ ކުޑަކުޑަ މައްސަލައެއްގެ ސަބަބުން ނުވަތަ ނަގަންޖެހޭ ފިޔަވަޅެއް ނުނެގުނޭ ކިޔާފައި އެފަދަ މީހުން ސަލާމަތްވެގެންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުތަކުގައި ގޭންގު ކުށްތައް ކުރާ މީހުންނާމެދު ޤަނޫނުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އެންމެ މުހިންމީ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަމަށާއި، އެކަމަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.