ރައީސް ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަން އުޅުއްވާ ކަމަކީ މިނިވަން މުއައްސަސާތައް ޕެރަލައިޒްކުރުން ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.
އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު އެންމެ ބިރުފުޅު ގަންނަނީ އެމްޑީޕީން މަގުމައްޗަށް ނުކުމެދާނެތީ ކަމަށެވެ. ރައީސް މުއިއްޒު ކިތަންމެ ބިރުފުޅުން އުޅުއްވިޔަސް އެމްޑީޕީ އަކީ މަގުމައްޗަށް ފަރިތަ ޕާޓީ އެއް ކަމަށާއި އެ ހިސާބަށް ކަންކަން ދިއުމުން އެ ޕާޓީން މަގުމައްޗަށް ނުކުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމާއި ރައީސް މުއިއްޒު ބިރުފުޅުގަންނަނީ ސަރުކާރު ތެރޭގައި ފަޅިފަޅި ބެހިފައި އޮތީމައި ކަމަށާއި އެ ހިސާބުން މުއިއްޒުގެ ކޮމާންޑަށް ބަޔަކު މަސައްކަތް ނުކޮށްފާނެ ކަަމަށް ހީފުޅުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ފުލުހުންނާއި ސިފައިންގެ މަތީ ފަޑީގައި ތިބި ބަޔަކު ހަމަޖެހިފައި ތިބި ނަމަވެސް ފުލުހުންނާއި ސިފައިން ޖުމުލަކޮށް ތިބީ ހަމަޖެހިގެން ނޫން ކަަމަށް މާޒް ސަލީމް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ދިން ފްލެޓާއި ގޯތި ދިން ތަނަކުން ދިން ގޮތަކަށް ދޭނެ ކަމުގެ ވައުދާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން މުޅިން އެހެން ގޮތަަކަށް އެނބުރި ފްލެޓާއި ގޯތި ނުދިނުމަށް ބަހަނާތައް ދައްކަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދަށުފަންތީގައި ތިިބި ކުދިންގެ ކަންކަން ހުރީ އާދައިގެ ގޮތަކަށް. ކުރިން ސަރުކާރުން ދިން ފްލެޓްތައް ނުދީ ބަހާލާތީ އެ ކުދިން ގަބޫލުކުރަނީ ގޯތިތަކާއި ފްލެޓްތައް ދެން އެކުދިންނަށް ލިބޭނީ އެމްޑީޕީ މަގުމައްޗަށް ނުކުމެ ވަކާލާތުކޮށްގެންނޭ. މިއީ މުއިއްޒު އަށް ފެންނަ ހުވަފެނަކީ. އެހެންތާ ވާނީ މުއިއްޒު ހުންނަނީ މި ފްލެޓްތަކަށް ފައިން އަރައިގެން. މުއިއްޒު ބިރު ގަންނަންޏާ ކެމްޕެއިންގަ ވައުދުވި ގޮތަށް ފްލެޓްތައް ދިނީމަ ހުންނާނީ ރަނގަޅަށް.ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)
ކުރިން ވެސް އެމްޑީޕީން ޖަލްސާ ބޭއްވި ރެއެއްގައި ކޯޅިކޯޅިއަށް ފުލުހުން ފޮނުވާފައިވާ ކަަމަށް ސިފަކުރައްވާ މާޒް ސަލީމް ވިދާޅުވީ އެފަދަ ކަންކަން ކުރަނީ ސަރުކާރުން ބިރު ގަންނަ ވަރުން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ދޮންމަންމާފުޅާއި މެދު އަދަދު ނޫހުން ހެދި ރިޕޯޓެއްގެ މައްސަަލައިގައި މުޅި ސަރުކާރު އެލާރޓަށް އައިސްފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ރިޕޯޓަށް އެވޯޑް ލިބިގެން އެ އެވޯޑް އަތުލަން މުޅި ސަރުކާރު ނުކުމެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެވޯޑްގެ ކަންކަމުގައި ސަރުކާރު ނޭވާ ހޮޅިއަށް އެޅި އޭސީސީ އެކަމުގެ ތެރެއަށް ވައްދާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.
އެފަދަ ހުރިހާ ކަމެއްގައި މިނިވަން މުއައްސަސާތަކާއި އިދާރާތަކަށް ސަރުކާރުން ދަނީ ކެނޑިނޭޅި ނުފޫޒު ފޯރުވަމުން ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ. ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ހިނގާކަންކަން ދޫކޮށްލައިގެން ސަރުކާރުން ތިބޭ ސަބަބާއި މެދުއޭނާ ވަނީ ސުވާލުކުރައްވާފައެވެ.