2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވަނީ ވަރަށް ތަފްސީލުކޮށް 2025 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް ހިއްސާކޮށްދެއްވާފައެވެ.
އަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން މި ބަޖެޓަކީ ޓެކްސް ބޮޑު، ހަރަދު ބޮޑު ބަޖެޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރުގެ ކޮވިޑަށްފަހު ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކެއް ކަނޑައަޅަންޖެހޭ ދަނޑިވަޅެއް ނަމަވެސް މިސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ މި ބަޖެޓަކީ ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެގެން ދާނެ ބަޖެޓެއް ކަމަށެވެ.
މި ބަޖެޓަކީ މިހާރު އިގްތިސާދީ ހާލަތާ ނުބައްދަލު ބަޖެޓެއް. 2025 ވަނަ އަހަރަށް މި ހުށަހަޅާ ހަރަދު ކުޑަ ކުރުމަށް ހުށަހަޅާފައިވީ ނަމަވެސް އަޅުގަނޑުމެންނަށް މިފެނިގެންދަނީ ހަރަދު ކުޑަ ކުރާ މިންވަރަށް ވުރެ އިތުރަށް ހަރަދު ބޮޑުވެގެންދޭ އެހެން ކަންކަމަށް. މިސާލަކަށް ރައްޔިތުންނާ ގުޅުންހުރި މިސާލަކަށް ސަބްސިޑީ، އާސަންދަ، އުމުރުން ދުވަސްވީ މީހުންގެ އަސަސީ ޕެންޝަން، ކައުންސިލް ގްރާންޓް ފަދަ ކަންކަމުން 3 ބިލިއަން ރުފިޔާ އުނިކޮށްފައި.ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ސަރުކާރުގެ އިސްރާފުތަކަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ އެއީ ސަރުކާރުގެ ދަތުރުފަތުރާއި، މިނިސްޓްރީތަކަށް ކުރާ ހަރަދުތައް ކަމަށެވެ. އަމީރު ވިދާޅުވީ 2025 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 2023 ވަނަ އަހަރަށްވުރެ 6 ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް ކަމަށްވާއިރު، މިހިނގާ އަހަރު ވެސް އެމިންވަރަށް ހަރަދު ކުރާ ކަމަށެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ 2024 ވަނަ އަހަރު މާލީ ކަންކަން މެނޭޖްކުރީ ވެސް ގޯސްކޮށް ކަމަށާއި، ރިކަރެންޓް ހަރަދު 11.9 އިންސައްތަ ބޮޑު ވެފައިވާ ކަމަށެވެ.
އަމީރު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ދާއިރާތަކުން 3 ބިލިއަން ރުފިޔާ އުނިކޮށްފައިވާއިރު، ސަރުކާރުގެ ވެރިންގެ ކަންކަމަށް 3.8 ބިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި ބަޖެޓަކުން މީގެ ތަފްސީލެއް ނޭނގޭ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 3.8 ބިލިއަން ރުފިޔާ ކަނޑައެޅިގެން އެނގެނީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ގެ ތަގުރީރަކުން ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.