ރާއްޖޭގެ ހުރިހާ ރަށަކުން ރާއްޖެ ޓީވީއާ ޚަބަރާއި މައުލޫމާތު އަދި ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރުމުގެ ނެޓްވޯކެއް ރާއްޖެ ޓީވީން ޤާއިމް ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ރާއްޖޭގައި ޚަބަރު ގެނެސްދޭ ޓީވީ ޗެނަލެއް 24 ގަޑިއިރު އެންމެ ފުރަތަމަ ހިންގަން ފެށި ރާއްޖެ ޓީވީން ޤާއިމް ކުރި މި ނެޓްވޯކަކީ "ރާއްޖެ ޓީވީ ނިއުސް ނެޓްވޯކް" ގެ ނަމުގައި ޤާއިމް ކުރާ ވިއުގައެކެވެ.
މި ނެޓްވޯކް ޤާއިމް ކޮށްދެއްވީ އެކަމަށްޓަކައި ރާއްޖެ ޓީވީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ޢަބްދުﷲ މުއީދު ހަސަންއެވެ.
ރާއްޖެ ޓީވީގެ ދެ ނިއުސް ޑައިރެކްޓަރުން ކަމުގައިވާ ހުޝާމް މުހައްމަދާއި ޢަލީ ޔޫސްފް ބައިވެރިވި މި ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ފިޔާސް މޫސާ ވިދާޅުވީ މި ނޯޓް ޤާއިމް ކުރުމުގެ މަޤްސަދަކީ ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެރަށެއްގައި ހިނގާ ކަންކަމުގެ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ވީ އެންމެ އަވަހަކަށް ރާއްޖެ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ހަމަައަށް ވީހާވެސް ތާޒާކަމާއެކު ގެނެސްދިނުން ކަމަށެވެ. އަދި ރާއްޖެ ޓީވީން ގެނެސްދޭ ޚަބަރާއި މައުލޫމާތު އަދި މަންޒަރުތައް މުއްސަނދިކޮށް މިހާރަށްވުރެ ވެސް ފުޅާ ދާއިރާގައި ރައްޔިތުންނާ ހަމަައަށް ފޯރުކޮށް ދިނުން ކަމަށެވެ.
ފިޔާޒް ވިދާޅުވީ މި ނެޓްވޯކްގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ރާއްޖެ ޓީވީގެ ފޯކަލް ޕޮއިންޓެއް ޤާއިމް ކުރައްވާނެ ކަމަށާއި މިހާރު ވެސް ބައެއް ރަށްރަށުގައި ފޯކަލް ޕޮއިންޓްތައް ހިމެނޭނެ ކަމަށެވެ. އަދި އެފޯކަލް ޕޮއިންޓްގެ ގޮތުގައި ހުންނަ ފަރާތައް ރަސްމީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.
އެގޮތުން ކޮންމެ ރަށަކުން ވެސް ފޯކަލް ޕޮއިންޓަކަށް ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށާއި ރާއްޖެ ޓީވީގެ ކައުންޓަރަށް އެކަމަށް އެދި ހުށަހެޅުމަށް އެދިލައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރަށްރަށުން ރާއްޖެ ޓީވީގެ އީމެއިލް [email protected] އަށް މެއިލް ކޮށްގެން ވެސް ހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.
ފިޔާޒް ވިދާޅުވީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖެ ޓީވީން ބެލުމަށް ފަހު ފޯކަލް ޕޮއިންޓްތައް ކަނޑައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ވިއުގަ ޤާއިމް ކޮށްދެއްވުމަށްފަހު މުއީދު ވިދާޅުވީ މިއިފްތިތާހް ކުރެވުނު ޚަބަރު ވިއުގައަކީ ރާއްޖެ ޓީވީއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ޤަބޫލް ކުރައްވާ ކަމަށާއި މި ވިއުގަ ދުވަހެއް ދުވަހަކަށް ކުރިއަރާ ފުޅާވެ ރާއްޖޭގައި ޚަބަރު ފަތުރާ ވަސީލަތެއްގެ ގޮތުގައި ރާއްޖެ ޓީވީން ޙާސިލް ކުރަމުންދާ ކާމިޔާބީ ތަކުގެ ޗެއިން ނުވަތަ ސިލްސިލާ ދިގުވެ ފުޅާވެ ތަނަސްވެގެން ދިއުމަށް އެދިލައްވާ ކަމަށެވެ.
އަދި މިމސައްކަތުގައި ހިންމަތްތެރިކަމާއެކުގައި މަސައްކަތް ކުރަމުންދާ މިންނަތް މސައްކަތް ކުރާ ރާއްޖެ ޓީވީގެ ހިއްމަތްތެރި މުރާލި ނޫސްވެރިންނަށް ޝުކުރު ދަންނަވާ ކަމަށްވެސް މުއީދު ވިދާޅުވިއެވެ.
މީގެ އިތުރުން މި ވިއުގަޔާ ގުޅޭ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް މިއީ ރަނުގެ ފުރުސަތަކަށް ވާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި ޚަބަރު ފެތުރުމަށާއި މީޑިއާގެ ތެރެއަށް ވަނުމަށް ވެސް ލިބޭ ފުރުސަތަކަށް ވެގެންދާނޭ ކަމަށްވެސް މުއީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން ބަލާ ޓީވީ ޗެނަލްއިން އަބަދުވެސް ދަނީ އާކަންތައްތައް ތައާރަފް ކުރަމުންނެވެ. އެގޮތުން މިއީވެސް އެފަދަ ކަމެކެވެ. ރާއްޖެ ޓީވީއަކީ ރާއްޖޭގައި ލައިވްޔޫ ބޭނުންކުރި ފުރަތަމަ ޓީވީ ޗެނަލްއެވެ. ސެލްފީ ސްޓިކް ބޭނުންކޮށްގެން ވެސް އިވެންޓެއް ލައިވް ކުރި ފުރަތަމަ ޗެނަލަކީވެސް ރާއްޖެ ޓީވީއެވެ.