ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑު މޮޅުވެއްޖެ އެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ޕީއެސްޖީން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މެޗުގައި އެތުލެޓިކޯގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ވެސް މެޗުގެ ފަހު ވަގުތުގަ އެވެ.
މެޗު ފަށައިގެން 14 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވަރެން ޒައިރް އެމެރީ އެވެ. އޭނާ އެ ލަނޑު ޖެހީ ފްރާންސްގެ އޮސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ނަހުއެލް މޮލީނާ ޖެހި ލަނޑުންނެވެ. މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެތުލެޓިކޯ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންހެލް ކޮރެއާ އެވެ. އެއީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޮރެއާ ޖެހި ލަނޑެކެވެ.
ނަތީޖާ އާއެކު ޕީއެސްޖީ އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު 25 ވަނައިގަ އެވެ. ހަތަރު މެޗުގެ ތެރެއިން ޕީއެސްޖީ މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ޕީއެސްޖީ އަތުން ހޯދި މޮޅާ އެކު އެތުލެޓިކޯ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު 23 ވަނައިގަ އެވެ.