ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 19:24
ހއ. އިހަވަންދޫގައި، ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްލާއީލް އުމަރު
ހއ. އިހަވަންދޫގައި، ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްލާއީލް އުމަރު
ރާއްޖެ އެމްވީ
އިއްސެގެ މަރު
ޝުމަން މިއާ އިއްސެ މަރާލީ އަންހެނުންނާއި ޖެހުނު މައްސަލައިގައި ބަދަލު ހިފުމުގެ ގޮތުން: ފުލުހުން
އިއްސޭ މަރާލީ އައިރުޅީގައި ބަދަލު ހިފުމުގެ ގޮތުން
މަރާލަފައިވަނީ އޭނާ ނިދާ ކޮޓަރީގެތެރޭގައި
މަރާލުމަށްފަހު އައިސްޕްލަންޓްގެ ތެރެއަށް ގެންދިޔައީ ދަމާފައި، ދަމާފައި ގެންދިޔައިރު ލޭގެ ނިޝާންތައް އެކި ތަންތަނުގައި ހުރި

ޖޫން މަހުގެ 16 ވަނަ ދުވަހު ހއ. އިހަވަންދޫގައި، ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްލާއީލް އުމަރު، (54އ) މަރާލީ ބަދަލު ހިފުމުގެ ގޮތުން ކަމަށް ތަހުގީގުގައި ޝުމަންމިއާ ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

 

އިއްސެގެ މަރުގެ މައްސަލަ ހިނގާ ދިޔަ ގޮތާގުޅޭގޮތުން އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ މައްސަލަ ތަހުގީގު ކުރި ގޮތާ ގުޅޭގޮތުން ވަރަށް ތަފްސީލީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ގެނެސްދީފައެވެ.

 

މި ޕްރެޒެންޓޭޝަންގައި ފުލުހުން ބުނީ، ޝުމަން މިއާ އިއްސެ މަރާލީ އިއްސޭ އޭނާ އާއި މެދު ކަންކަން ކުރަމުން ދިޔަ ގޮތުން އެކަމުގެ ހިތްހަމަނުޖެހުން ބޮޑުވެގެންކަމަށް ތަހުގީގުގައި އޭނާ ބުނެފައިވާ ކަމަށެވެ.

 

އެގޮތުން އިއްސެ ސުމަން މިއާގެ މަސައްކަތާއި ދޭތެރޭ ހިތްހަމަނުޖެހުމާއި، ރަށްޓެހިންނާއި ބައްދަލުކޮށް ބައެއް ރޭރޭ ލަހުން އައިސް ޕްލާންޓަށް އޭނާއަށް ނުވަދެވޭގޮތަށް އެތަން ތަޅުލާފައި ހުރުމާއި، އަދި މަސައްކަތުގަޑީގައި ޝުމަން މިއާގެ އަނބިމީހާއަށް ފޯނުން ގުޅައިގެން މާގިނައިރު، ވާހަކަ ދެއްކުމާއި، އެހެން މުއައްޒަފުންނާއި ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޝުމަން މިއާގެ އަންހެނުންނަށް ފޯނުން ގުޅައިގެން ވާހަކަ ދައްކަން މާ ގިނަ ވަގުތު ހޭދަ ކުރާތީ އެކަމާއި އިއްސެ ހިތްހަމަނުޖެހޭ ވާހަކަ ޝުމަން މިއާގެ އަންހެނުން ގާތުގައި ބުނުމުން އޭނާގެ އަނބިމީހާއާއި މައްސަލަޖެހެން ފެށިކަަމަށާއި، އާއިލީ މައްސަލަޖެހި އެދެމަފިރިންގެ ގުޅުމަށް ބުރޫއަރައި، ކައިވެންޏަށް އެކަމުގެ ނުރަނގަޅު އަސަރުފޯރަން ފެށުމުން އެކަމާއި އޭނާ ރުޅިގަދަވެ، ބަދަލު ހިފުމުގެ ގޮތުން ޝުމަން މިއާ އޭނާ މަރާލީ ކަމަށް ތަހުގީގުގައި ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ.

 

އަދި ޖޫންމަހުގެ 15 ވަނަ ދުވަހުގެރޭ އިއްސޭ ނިދާފައި އޮއްވާ އައިސްޕްލާންޓްގެ އެކޮމަޑޭޝަން ބްލޮކްގެ ފާޚާނައިގެ ކުޑަދޮރުން ވަދެ އޭނާގެ ކަރަށް ބާރުވާގޮތަށް ވާގަނޑަކުން އައްސާ، އިއްސެ އަށް ހޭލެވި ތެޅިގަނެ ގަދަހަދަން ފެށުމުން ނަގާ ފާރާލާ ފިއްތާލުމަށް ފަހު އޭނާގެ ކަރަށާއި މެއަށް އެތަށް ފަހަރެއްގެ މަތިން ވަޅިން ހަމަލާދީފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

އިއްސެއަށް ހަމަލާ ދިނުމަށް ގެންގުޅު ވަޅިއަކީ ކުރިން އައިސް ޕްލާންޓްގެ ބަދިގޭގައި ބޭނުން ކުރާ މަސްކަނޑާ ވަޅިއެއް ކަމަށާއި، އިއްސެ މަރާލުމަށް ފަހު ހަށިގަނޑު ފޮރުވުމަށް އައިސް ޕްލާންޓެއްގެ ޓޭންކެއްގެ ތެރެއަށް ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އޭނާގެ ހަށިގަނޑު ބޭއްވީ އައިސް ހަދާބައިގެ އުތުރު ފަރާތުގައި ކަމަށް ތަހުގީގަށް ފާހަގަ ކުރެވުނުކަމަށް ފުލުހުން ބުންޏެވެެ. އަދި އިއްސެ މަރާލުމަށް ބޭނުންކުރި ވަޅި ފުލުހުން ހޯދާފައިވަނީ އައިސްޕްލަންޓްގެ ގޯތިތެރޭގައި ހުރި ފެން ޓޭއްކެއްގެ ތެރެއިންނެވެ.

 

އައިސް ޕްލާންޓުގެ ތެރެއިން ފެނުނު ލޭ ތަކަކީ އައިސް ޕްލާންޓުގެ ތެރޭގައި އިއްސެގެ ހަށިގަނޑު ދަމާފައި ގެންދިޔަ އިރު އެޅިފައި ހުރި ލޭތައް ކަމަށާއި، އެ ލޭތައް ސާފު ކުރުމަށް ވެސް ޝުމަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

އިއްސެ މަރާލުމަށް ފަހު، އޭނާގެ ރަށްޓެހިންތަކެއްގެ އެހީގައި ލޯންޗެއް ހޯދައި، އެ ލޯންޗުގައި ޝުމަން އެރޭ ހޯރަފުށްޓައި ފުރައިގެން ގޮސް ހަމަ އެރޭ ހދ. ކުޅުދުއްފުއްޓަށް ވެސް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކުޅުދުއްފުށީން ފުލުހުންނަށް ޝުމަން ފެނުމުން ހުއްޓުވާ ސުވާލު ކުރުމުން އޭނާގެ ވަނަވަރު އޮޅުވާލާ އެހެން މީހެއް ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލަން މަސައްކަތް ކުރި އެވެ.

 

ނަމަވެސް އޭނާގެ އަތުގައި ހުރި ޒަހަމްތަކުންނާއި ފުލުހުންނަށް ލިބިފައި ހުރި އެހެން މައުލޫމާތުތަކަށް ބަލާ އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޝުމަންއާ ސުވާލު ކުރުމުން އޭނާ ވަނީ އިއްސެއަށް ހަމަލާދީ މަރާލާފައި ކަމަށާއި އެކަން ހިނގި ގޮތް ފުލުހުންނަށް ކިޔައިދީ އެއްބަސްވެފައި ކަމަށް ފުލުހުން ބުންޏެވެ.

 

މި މައްސަލާގައި ޝުމަންއަށް އެހީތެރިވި  ބަނގުލަދޭޝްގެ އިތުރު ފަސް މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އިއްސެގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗައް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާ މިހާރު ވަނީ ކޯޓުގައި ޝަރީއަތް ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް