ކ. މާލެ
|
5 ނޮވެންބަރ 2024 | އަންގާރަ 10:25
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާސް
ޕީއެސްޖީ
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
މުސްތަޤުބަލަށް ބަލާއިރު، ޕީއެސްޖީގެ ވެރިންނާ ގުޅިގެން ގިނަ ކަންތައްތަކާ މަޝްވަރާކޮށް، އަދި އެކުގައި ކުރިއަށް ދިޔުމަށް ކަންކަން ރާވާލެވޭނެ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ކުރަމުން އަންނަ މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ޕީއެސްޖީގެ ކޯޗުކަމާ އުމުރުން 54 އަހަރުގެ އެންރީކޭ ހަވާލުވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އެކު އެންރީކޭ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން، 2025 ވަނަ އަހަރުގެ ޖޫން މަހާ ހަމަ އަށް އޭނާ އެ ކުލަބަށް އިރުޝާދު ދޭނެ އެވެ. ޕީއެސްޖީ އާއެކު އެންރީކޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަންނައިރު، އެ އެއްބަސްވުން އައު ކުރަން ޕީއެސްޖީން ބޭނުންވާ ކަމަށް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޕީއެސްޖީ ގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި އެ ކުލަބާ އެކު މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާ މެދު އުފާވާ ކަމަށް ވެސް އެންރީކޭ ބުންޏެވެ. މުސްތަޤުބަލަށް ބަލާއިރު، ޕީއެސްޖީގެ ވެރިންނާ ގުޅިގެން ގިނަ ކަންތައްތަކާ މަޝްވަރާކޮށް، އަދި އެކުގައި ކުރިއަށް ދިޔުމަށް ކަންކަން ރާވާލެވޭނެ ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު ލުއިސް ކަމްޕޯސްއާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ޕީއެސްޖީ އާއެކު ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މިވަގުތު ޕީއެސްޖީ އޮތީ ރަނގަޅު ހިސާބެއްގައި ކަމަށާއި، ޓީމުން ކަނޑައަޅާފައިވާ އަމާޒުތައް ޙާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ވެސް އެންރީކޭ ބުންޏެވެ.

އެންރީކޭގެ އިރުޝާދުގެ ދަށުން މިހާތަނަށް ޕީއެސްޖީން ވަނީ 65 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 42 މެޗުން މޮޅުވެފަ އެވެ. 15 މެޗު އެއްވަރުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ ފްރާންސް ލީގު، ފްރާންސް ކަޕް އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ވެސް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް