ގދ. ގައްދޫ ސްކޫލުގެ ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކޮށްފިއެވެ.
ބުރާސްފަތި ދުވަހު މެންދުރު ކުރިއަށް ގެންދިޔަ މި އިހްތިތާޖުގައި އެސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުން ވަނީ ނިކުމެ ހިތް ހަމަނުޖެހުން ފާޅުކޮށް ދަރިވަރުން ސްކޫލަށް ނުފޮނުވަން ނިންމާފައެވެ. އަދި މިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ޖަވާބެއް ދެއްވަންދެން ކުދިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބެލެނިވެރިން ބުންޏެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލު ވިދާޅުވީ މިއީ ގްރޭޑް 3 ގައި ކިޔަވަމުންދާ ދަރިވަރުން އެއް ކްލާހަކަށް ބަދަލުކޮށް ކިޔަވައިދެމުންދާތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށް ވަމުންދާތީ އެކަމާއި ހިތްހަމަނުޖެހިގެން ބެލެނިވެރިން ފާޅުކުރި ޝުއޫރެއް ކަމަށެވެ.
މިކަމާއި ގުޅިގެން ސްކޫލުގެ ބެލެނިވެރިއަކު މައުލޫމާތިދިން ގޮތުގައި މިއަހަރު ފެށުނު އިރު ގްރޭޑް 3 ގެ ދެ ކްލާހެއް އުފައްދައި ކިޔަވައިދެމުން އައިސް ވަކި ހިސާބަކުން އެއް ކުލާހުގެ ޓީޗަރު އެހެން ގްރޭޑަކަށް ބަދަލުކޮށް، ދެ ކުލާހުގެ ދަރިވަރުން އެއް ކުލާހަކަށް ބަދަލުކުރީ ކަމަށެވެ.
މިހާރު ޖުމްލަ 33 ދަރިވަރުން އެއް ކުލާހެއްގައި ކިޔަވަމުންދާ ކަމަށާއި މިކަމުގެ ސަބަބުން ޓީޗަރުންނަށް އެކަށީގެންވާ ގޮތެއްގައި ދަރިވަރުންނަށް ކިޔަވައި ނުދެވޭކަން ބެލެނިވެރިން ވަނީ ފާހަގަ ކޮށްފައެވެ.
މިގޮތަށް އެސްކޫލުން ނިންމީ އެޑިއުކޭޝަން މިނިސްޓްރީން އެސްކޫލުގެ ޕްރައިމެރީ އެއް ޓީޗަރަކު ބަދަލުކުރަން އެންގުމުން ކަމަށެވެ.
އަދި ބެލެނިވެރިން އިހްތިޖާޖް ކުރަމުން ދަނިކޮށް ދިވެހި ރިލީފް ޓީޗަރެއް ހޯދުމަށް އެސްކޫލުން އިއުލާންކުރި ކަމަށް ބެލެނިވެރިން ބުންޏެވެ.
މިކަމާއި ގުޅިގެން ސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި އައިމިތަނު ޝާޒީންއަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވުމަށް ފަހު ސުވާލު ކުރުމުން ވަނީ ވަކި ޖަވާބެއް ނުދެއްވާ ފޯނު ކަނޑާލައްވާފައެވެ. އަދި ފަހުން ގުޅާލުމުން ފޯނަށް ޖަވާބެއް ވެސް ނުދެއްވި އެވެ.