ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 16:42
އަޑުއެހުމަށް ފަހު ފާރިސް ކޯޓުން ނެރެގެން ގެންދަނީ
އަޑުއެހުމަށް ފަހު ފާރިސް ކޯޓުން ނެރެގެން ގެންދަނީ
އަޝްވާ ފަހީމް
ފާރިސްގެ ޝަރީއަތް
ފާރިސްގެ ޝަރީއަތް: ޝަރީއަތް މެދުކަނޑާލުމުގެ އަމުރެއް ހިމެނޭ ގޮތަށް ޖުމްލަ ހަ ކަމެއް ހުށަހަޅައިފި
ފާރިސްގެ ޝަރީއަތް މެދުކަނޑާލުމުގެ އަމުރަކަށް ވަނީ އެދިފަ
ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް
ޝަރީއަތް ހިންގުމެއްނެތި ބާތިލްކުރަންޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޝަޚްސް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން އޭނާގެ ފަރާތުން ހަ ކަމެއް ހުށަހަޅައިފި އެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ލޯގޯއާއި ނަން ބޭނުންކޮށް، ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 20 ވަނަ މައްދާގެ ދަށުން ޖިނާއީ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމުގައި ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކުރާ ޙާލަތުގައި، އެ ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމަށްފަހު، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްނަމަ، މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރު ނިންމައި، ޝަރީޢަތުގައި މަޢުޟޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޒެއް، ނުވަތަ އެނޫންވެސް ހުށަހެޅުމެއް ޝަރީޢަތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅޭނެ އެވެ.

އެގޮތުން ފާރިސްގެ ޝަރީއަތުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ޖުމްލަ ހަ ކަމެއް ހުށަހަޅާފަ އެވެ. 

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލެވިފައިވާ ނެތުމަކީ ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ ފާރިސްގެ ހައްގުތަކަށް އިޔާދަ ނުކުރެވޭޏެ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި އޮންނާނެ ކަމަކަށްވާތީ، އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ކަށަވަރުކުރެވެން އޮތް ހަމައެކަނި ގޮތަކީ ގާނޫނުގައި ކަނޑައަޅާފައިވާ ގަވާއިދުތައް އެކުލަވާލުމުގެ ފަހުން ޝަރީއަތް ފެށުންކަމުގައި ކަނޑައަޅައި ދިނުމަށް އެދި އެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު ހެދެން ދެން ފާރިސްގެ ޝަރީއަތް ވަގުތީ ގޮތުން މެދުކަނޑާލުމުގެ އަމުރަކަށެވެ.

ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު ހެދުމެއް ނެތި ޝަރީއަތްތައް ކުރިއަށް ގެންދަނީ ގާނޫނީ ކަނޑައެޅިގެން ޚިލާފަށް ކަމަށާއި، ގާނޫނުގެ ދަށުން އެ ގަވާއިދު ހެދުން ސުޕްރީމް ކޯޓާ ހަވާލުކޮށްފައިވާއިރު އެއީ ބަރީއަވުމެއް ނެތް ވާޖިބެއް ކަމަށެވެ. މައުމޫން ވަނީ ސުޕްރީމް ކޯޓުން ގަވާއިދު ނުހަދަނީސް، ކްރިމިނަލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފަ އެވެ.

މައުމޫން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނެއް އެތައް އަހަރެއްގެ މަސައްކަތުން އެކުލަވާލުމުގެ ބޭނުމަކީ ވަކި ފޯމެޓެއް ނެތި، އެކި ގާޒީން އެކި ގޮތްގޮތަށް އަމަލުކުރަމުންދާތީ އެއްހަމައަކުން އިންސާފުވެރިކަމާއެކު ކަންތަައްތައް ކުރިއަށް ގެންދާނެ އުސޫލުތަކެއް ކަނޑައެޅުން ކަމަށެވެ. 

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވާއިދު ނުހަދައި އޮތުމަކީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށާއި އެ ގަވާއިދު ހަދަން ޖެހެނީ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށެވެ. ވަކީލް ވިދާޅުވީ ގަވާއިދު ނުހެދިގެން މައްސަލަ ހުއްޓާލައިފިނަމަ މުޅި ނިޒާމް ހުއްޓުމަކަށް އަންނާނެ ކަމަށާއި އެހެން މައްސަލަތައް ވެސް ހުއްޓާލަންޖެހޭނެ ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިއަހަރުގެ ޖެނުއަރީގައި އަމަލުކުރުމަށް ހަމަޖައްސާފައިވަނިކޮށް، ޖުލައި މަހުގެ 2 ވަނަ ދުވަހާ ހަމައަށް ފަސްކުރިކަން ފާހަގަކޮށް މައުމޫން ވަނީ އެއީ ކީއްކުރަން ހޯދި ވަގުތެއްތޯ ސުވާލު ކުރައްވާފަ އެވެ. މައުމޫން ވިދާޅުވީ ވަކި މީހަކަށް ވަކި ގޮތެއް ހެދުން ހުއްޓުވުމަށް ގާނޫނު ގެނެއުމުން ވެސް "އަޅާ ކަހާ ވެސް ނުލި" ކަމަށެވެ. މައުމޫން ވަނީ މިހެން ކަންތައް ކުރާނަމަ ގާނޫނު ހެދުމުގެ ބޭނުމާއި ގާނޫނު އަސާސީއެއް އޮތުމުގެ ބޭނުމާ މެދު ސުވާލު އުފައްދަވާފަ އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހެޅީ، ޝަޙްސް އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ދައުލަތުން އަމަލުކޮށްފައިވާ ގޮތުން މައްސަލައަކީ ޝަރީއަތް ހިންގުމެއް ނެތި ބާތިލްކުރަންޖެހޭ މައްސަލައެއް ކަމަށް ކަނޑައިއަޅައި ދިނުމަށެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ދައުވާ ބާތިލް ކޮށްދިނުމަށެވެ.

ފާރިސްގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ފާރިސްއަށް ލިބިފައިނުވާ ކަމަށެވެ. އަދި އެއްވެސް ގާނޫނީ ހަމައެއް ދެއްކުމެއް ނެތި މައްސަލައާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ދައުލަތުން އިއުރިރާޒްކޮށް، ހެކި ސިއްރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ގާނޫނު އަސާސީއާއި ގާނޫނުތަކުގެ އިތުރުން، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބަިއނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދޭ ހައްގުތަކެއް ވެސް ގެއްލިފައިވާ ކަމަށެވެ. 

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމަށާއި އެހެންކަމުން، ދައުވާ ބާތިލްކުރެވޭނެ ހަމައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، މައްސަލައިގެ ތަހުގީގު ހިންގާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ. އެ ހުށަހެޅުމުގައި އެދިފައިވަނީ ބާތިލް ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާކުރުމަކީ ބާތިލް އިޖުރާއަތެއްގެ މައްަށް ތަރުތީބުވެގެން އަންނާނެ ކަމެއް ކަމަށްވާތީ އެ ސަބަބަށްޓަކައި ދައުވާއަކީ ސައްހަ ނޫން ދައުވާއެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ފާރިސްގެ ވަކީލުން ވިދާޅުވީ ތަހުގީގުގައި ފާރިސްއަށް ލިބިގެންވާ ހައްގުތައް ބުނެދީފައިނުވާ ކަމަށާއި އެހެންކަމުން އެއީ މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށެވެ. މީގެ ކުރިން އެފަދައިން ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ވަކީލުން ހުށަހެޅުއްވި އެވެ. 

ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ތަހުގީގުގައި ފާރިސް ބޭނުން ކުރެއްވީ ހަނުހުރުމުގެ ހައްގު ކަމަށާއި އެހެންކަމުން މަޖުބޫރުކޮށްގެން ބަޔާން ނެގި ކަމަށް ނުދެކޭ ކަމަށެވެ.

ހަތަރު ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ޚިލާފަށް ދައުވާކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވަނީ އެދިފަ އެވެ.

ފާރިސްގެ ވަކީލުން ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ހުރިހާ އެންމެންނާ މެދު ކަންތައް ކުރެވެން ޖެހޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަމަށެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި މީގެ ކުރިން އެކި ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްފައިނުވާކަން ވަކީލުން ފާހަގަކުރެއްވި އެވެ. 

ދައުވާކޮށްފައިވަނީ ސިޔާސީ ކަމަކާ ގުޅިގެންކަން ފާހަގަކޮށް ވަކީލު ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގައި މިކަމަކީ ކުށެއް ކަމަށް ކަނޑައަޅާފައިނުވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ރައީސްގެ ހުއްދައާ އެކު ކަމަށެވެ. ޕާޓީގެ މުސްތަޝާރުގެ އެއްވެސް ދައުރެއް ޕާޓީގެ ހިންގުމުގައި ނޯންނާނެ ކަމަށް ވަކީލު ވިދާޅުވި އެވެ. 

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ ކޮށްފައިވަނީ ޕާޓީގެ މުސްތަޝާރުގެ ހުއްދައާ ނުލައި ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރި މައްސަލައިގައި ކަމަށާއި ދައުވާކުރީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ.  ޕީޕީއެމްގެ އިސް ފަރާތަކީ އެ ޕާޓީގެ މުސްތަޝާރު ކަމަށާއި މުސްރަޝާރުގެ ހުއްދަ ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްގެން ނިއުސް ކޮންފަރެންސެއް ދެއްވި ކަމަށް ފާރިސްގެ ވަކީލު ވިދާޅުވުމަކީ އިއުތިރާފްވުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލަށް ރައްދު ދެއްވައި ފާރިސްގެ ވަކީލު ވިދާޅުވީ އޯގަސްޓް ދެވަނަ ދުވަހު ޕީޕީއެމްގެ މެންބަރެއް ކަމަށް ބަލައިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން ފާރިސް ވަކިކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ފެނިގެންދަނީ ކުށެއް ސާބިތުކުރަންވުމުން ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށް ހަދައި ކޮމެޓީއަކުން ވަކިކުރަން ޖެހުމުން" ރަތްލާޖެހި" ޕީޕީއެމް މެންބަރަކަށް ހަދާތަން ކަމަށެވެ. 

ފާރިސްގެ ވަކީލު ވިދާޅުވީ ދައުވާކުރިއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދަށް އެއްވެސް ވަރަކަށް ބަލާލާފައި ވެސް ނުވާކަން މިކަމުން ހާމަވާ ކަމަށެވެ. ޕާޓީ ހިންގުމުގައި މުސްތަޝާރުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވަކީލު ތަކުރާރުކުރެއްވި އެވެ.

ފަސް ވަނަ ކަމަކަށް ހުށަހަޅާފައިވަނީ ދައުވާ ސާބިތުކުރުމަށް ޕްރިސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ވީޑިއޯ ސީޑީ އަކީ ޝަރީއަތަށް ގަރީނާގެ ގޮތުގައި ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.'

ފާރިސްގެ ވަކީލު ވިދާޅުވީ އެ ސީޑީ ހުށަހަޅާފައިވަނީ ޑިޖިޓަލް އެވިޑެންސް ހުށަހަޅަން އޮންނަ އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން ޗެއިން އޮފް ކަސްޓޮޑީ ހުށަހަޅާފައި ނުވާތީއާއި ވީޑިއޯގެ އެނެލެސިސް ރިޕޯޓް ހުށަހަޅާފައިނުވާތީ އެ ވީޑިއޯ ސީޑީއަކީ ގަރީނާގެ ގޮރތުގައި ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. ވަކީލުން ހަވާލާދެއްވީ ކްރިމިނަލް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަކަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އެ ވީޑިއޯއަކީ ޕަބްލިކް ޑޮމެއިންގައި ހިމެނޭ ވީޑިއޯއެއް ކަމަށެވެ. އަދި އެކަން ނަފީކުރުމަށް މީގެ ކުރިން ފާރިސްގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައިނުވާތީ އެއީ ބަލައިނުގަނެވޭނެ ގަރީނާއެއް ކަމަށް ނުދެކޭ ކަމަށް ވިދާޅުވި އެވެ.

ހަ ވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، ފާރިސްގެ ފަރާތުން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހެކި ހާމަކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ފާރިސްގެ ފަރާތުން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހެކި ހާމަކުރުމުގެ އަމުރަކަށް އޭނާގެ ވަކީލުން އެދިވަޑައިގަތުމުން، ދައުލުގެ ވަކީލު ވިދާޅުވީ ހާމަކުރެވެން ހުރި މައުލޫމާތުތައް ހާމަކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނީ ޝަފައީ ދެ ހެއްކަކީ ސިއްރު ހެކިން ކަމަށްވާތީ އެ މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުން ނިންމާލާފައިވަނީ މިކަންތައްތަކާ މެދު އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި ބާއްވާ އަޑުއެހުމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅުއްވާނެ ކަމަށް އިއުލާނުކުރެއްވުމަށްފަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް