ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްގެ ކޮރަޕްޝަންގެ ފައިސާއިން އިންތިހާބުވި މެމްބަރަކު ޕީޕީއެމްގައި ނުހުންނާނެ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަދީބްގެ ފައިސާގައި ހޮވިވަޑައިގެންނެވި މެމްބަރުންނަށް، އެ މެމްބަރުން ހޮވުނު ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި އެ މެމްބަރުން އިސްތިއުފާދެންޖެހޭ ސަބަބުވެސް އެ މެމްބަރުންނަށް އެނގޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވި، އަދީބްގެ ފައިސާއަކީ ކޮރަޕްޓް ފައިސާކަމަށް ބުނާ މީހުންނަށް، އަދީބްގެ ފައިސާ ބޭނުންކުރި ބޭނުންވެސް އެނގޭނެކަމަށެވެ. އެނާ ވިދާޅުވި، އެމްއެމްޕީއާރުސީގެ ފައިސާގެ ހިޔާނަތް ހަމައެކަނި ރައީސް އަބްދުﷲ ޔާމީންގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ވަރަށް ތަފްސީލްކޮށް ރައީސް ވިދާޅުވެފައި އޮންނާނެއޭ އެމަނިކުފާނުގެ ސިޔާސީ މަސައްކަތަށް އޭރުގައި ލިބުނު ފައިސާ އަހުމަދު އަދީބްގެ އަތުގަޔޭ ހުންނަވާނީ. އެހެންވެއްޖެނަމަ އެ ފައިސާ ދެއްވާނެތާ، ރައްޔިތުންގެ މަޖިލީހަށް ވާދަކުރިޔަސް، ރިޔާސީ އިންތިހާބެއްގައި ވާދަކުރިނަމަވެސް... އެއީ އަދީބު ދެއްވި ފައިސާއެއް ނޫން. އަދީބުގެ ކޮރަޕްޝަންގެ ފައިސާއިން އިންތިހާބުވި މެމްބަރަކު ޕީޕީއެމްގައި ނުހުންނާނެ." އަބްދުއް ރަހީމް ވިދާޅުވި އެވެ.
"ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހަމައެކަނި ވަދެފައިވަނީ އެމަނިކުފާނުގެ ގެކޮޅަށް ނޫން ކަމަށެވެ. އަދި އެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް ހަރަދުކޮށްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފައިސާ ހަރަދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބު ކުރަންތޯ އެބަ ބަލަން ޖެހެ އެވެ.
"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.