ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 11:15
އާސެނަލް އާއި ޑޮނެސްކު ކުޅުނު މެޗުގެ ތެރެއިން
އާސެނަލް އާއި ޑޮނެސްކު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އާސެނަލް މޮޅުވީ ބައި ކޮޅަށް ވަތް ލަނޑުން
މޮޅާއެކު އާސެނަލް ހަތަރު ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0ންނެވެ. އެއީ ފުރަތަމަ ހާފުގައި ޑޮނެސްކުގެ ގޯލު ކީޕަރު އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުަގެ 29 ވަނަ މިނެޓުގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ފޮނުވާލި ބޯޅަ ޑޮނެސްކުގެ ގޯލު ދަނޑީގައި ޖެހިފައި، ކީޕަރު ޑިމިޓްރޯ ރިޒްނީކް ގައިގައި ޖެހިފައި ވަނީ ބައި ކޮޅަށެވެ. އެ ލަނޑުން އާސެނަލަށް ކުރި ލިބުނުއިރު، މެޗުގައި އެ ޓީމުން ވަނީ އިތުރު ލަނޑު ޖެހުމަށް ވެސް މަސައްކަތް ކޮށްފަ އވެެ.

މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އަށް ވަނީ ދެ ވަނަ ލަނޑެއް ޖަހާނެ ފުރުސަތު ވެސް ލިބިފަ އެވެ. އެއީ ޑޮނެސްކުގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން، ރެފްރީ ދިން ޕެނަލްޓީ އެކެވެ. އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑް އެ ޕެނަލްޓީ ފޮނުވާލި ނަމަވެސް، ޑޮނެސްކުގެ ކީޕަރު ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

މޮޅާއެކު އާސެނަލް ހަތަރު ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

- ކޮމެންޓް