ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-2ންނެވެ. އެއީ މެޗުގައި ޑޯޓްމަންޑުން ދެ ލަނޑު ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ފަސް ލަނޑު ޖަހައިގެންނެވެ. މެޗުގައި ރެއާލް އިން ފަސް ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ޑޮންޔެލް މާލެން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާހޯ ގިރާސީ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޑޯޓްމަންޑުން ވަނީ ދެ ވަނަ ލަނޑެއް ވެސް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މާލެން ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭމީ ގިޓެންސް އެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ރެއާލްގެ ފުރަތަމަ ލަނޑު އެންޓޯނިއޯ ރޫޑިގާ ޖެހީ ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގައި ރެއާލަށް ލީޑު ނަގައިދިނީ 83 ވަނަ މިނެޓުގައި ލޫކަސް ވަޒްކުއޭޒް އެވެ.
އޭގެ ތިން މިނެޓު ފަހުން ވިނީޝިއުސް ވަނީ އިތުރު ލަނޑެއް ޖަހައި، ރެއާލަށް ދެ ލަނޑުގެ ލީޑުއް ހޯދައިދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ވިނީޝިއުސް ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އެއާއެކު ރެއާލުން ވަނީ ފަސް ލަނޑުން މެޗު ކާމިޔާބު ކޮށްފަ އެވެ.
މޮޅާއެކު ރެއާލް ނުވަ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ޑޯޓްމަންޑު ވެސް ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފަ އެވެ. އެއް މެޗުން ބަލިވެފައިވާއިރު، ހަ ޕޮއިންޓާ އެކު އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.