ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 11:35
އަލް ޙިލާލް އިން ކުޅުނު މެޗުގައި ނޭމާ
އަލް ޙިލާލް އިން ކުޅުނު މެޗުގައި ނޭމާ
ރޮއިޓާސް
އޭއެފްސީ ޗެމްޕިއަންސް ލީގު
އަލް ޙިލާލް މޮޅުވީއިރު، ނޭމާ އެނބުރި ކުޅުމުގެ ތެރެއަށް
މިއީ އަހަރެއް ފަހުން ނޭމާ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ

އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް އައިންއާ ދެކޮޅަށް ކުޅުނު މެޗުން އަލް ޙިލާލް މޮޅުވީއިރު، އަހަރެއް ފަހުން ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ ކުޅުމުގެ ތެރެއަށް އައިސްފި އެވެ.

އެ މެޗުގައި ނޭމާ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފަ އެވެ. މިއީ އަހަރެއް ފަހުން ނޭމާ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބްރެޒިލް ޤައުމީ ޓީމުގައި ކުޅެމުން އަންނަނިކޮށް، ލިބުނު އަނިޔާގެ ސަބަބުން ނޭމާ ހުރީ ކުޅުމާ ދުރުގަ އެވެ.

އަލް އައިންއާ ދެކޮޅަށް ކުޅުނު އެ މެޗު އަލް ޙިލާލް އިން ކާމިޔާބު ކުރީ 5-4ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ޙިލާލް އިން ތިން ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ. ފުރަތަމަ ހާފުގައި އަލް އައިން އިން އެއް ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗުގައި އަލް ޙިލާލްގެ ލަނޑުތައް ޖެހީ ރެނާން ލޮޑީ، ސާޖެޖް މިލިންކޮވިޗް ސަވިޗް އަދި ސަލީމް އަލް ދައުސާރީ އެވެ. އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. މެޗުގައި އަލް އައިންގެ ލަނޑުތައް ޖެހީ ސޫފިޔާން ރަހީމީ އަދި މަތެއޯ ސަނަބްރިއާ އެވެ. މެޗުގައި އަލް އައިންގެ ސޫފިޔާން ރަހީމީ ވެސް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ.

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރުމަށްފަހު ނޭމާ އަލް ޙިލާލަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ފަހު ކޮޅު އެވެ.

- ކޮމެންޓް