ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 10:21
ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރާއްޖޭގެ ފަތުރުވެރިކަން
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
ރާއްޖޭގައި ޚިދުމަތްދޭ ބޭންކްތައް އޮންނަނީ އަބަދުވެސް ސީލިންގައި ޖެހިފައި ކަމަށާއި ބޭންކްތަކަށް އޮތް ބާރު ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި
ބޭރުގެ އިންވެސްޓަރުން ގެނައުމަކީ ރާއްޖޭގެ ޤާނޫނުތަކުން ހުއްދަ ދީފައިވާ ކަމެއް ކަމަށާއި އެއީ އެއްވެސް ސިފައެއްގައި މައްސަލަ ނޫން ކަމަށް އުއްޗު ވިދާޅުވި

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، އެއީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު މީހުންގެ އަތްދަށަށް ދިއުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ފަތުރުވެރިކަމުގެ ޗަމްޕާ ބްރަދާސް ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ހިނގާ ގޮތާއި މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި ޚިދުމަތްދޭ ބޭންކްތައް އޮންނަނީ އަބަދުވެސް ސީލިންގައި ޖެހިފައި ކަމަށާއި ބޭންކްތަކަށް އޮތް ބާރު ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވިއެވެ. 15 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ބޭންކްތަކަށް ފައިސާ ނުދެވުމާއި، ރާއްޖޭގެ އާބާދީ ކުޑަވުމަކީ ރާއްޖޭގެ އިންވެސްޓަރުންނަށް ދިމާވާ ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެއިން ބޭރު މީހުންނަށް އިންވެސްޓްކުރަން ފުރުސަތު ދިނުމަކީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ލިބޭ ހައްލެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި އެއީ ރާއްޖޭގެ ޤާނޫނުތަކުން ހުއްދަ ދީފައިވާ ކަމެއް ކަމަށާއި އެއީ އެއްވެސް ސިފައެއްގައި މައްސަލަ އެއް އޮތްކަމެއް ނޫން ކަމަށް އުއްޗު ވިދާޅުވިއެވެ.

އެހެންނަމަވެސް ބޭރުގެ އިންވެސްޓަރުންނަށް ލިބޭ ފައިސާއިން ވެސް ރާއްޖެ އަށް ޚަރަދުކުރެވެން ވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަން ފެށިގެން އައި އިރު ވުޒާރާތައް ނުހުންނަ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅޭ ޤަވާއިދުތަކެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މުއައްސަސާތަކުން މިހާރު ޤަވާއިދުތައް އެކުލަވާލާ އަދާހަމަކުރަމުންދާ ކަމަށާއި އެއާއި އެއްގޮތަށް ކަންކަން ދާއިރާގެ މުއައްސިސުން ކަންކަން ކުރަންވާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިސްކޮށް ބޭރު މީހުން ހަރަކާތްތެރިވުމާއި މެދު ވާހަކަދައްކަވާފައެވެ.

ރާއްޖޭގައި ބޭރުގެ އިންވެސްޓަރުން ވަރަށް ގިނައިން ތިބިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ބޮޑެތި އަދަދުތަކުން އަގު ދެއްކުމަށް ފަހު ފަޅު ގަނެގެން ތިބި އިންވެސްޓަރުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހުރިހާ ފައިސާ އެއް ގެންދަނީ ރާއްޖެއިން ބޭރަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ރާއްޖޭގައި ތިބި ފަތުރުވެރިކަމުގެ ދާއިރާ އަށް އިންވސްޓްކޮށްގެން ތިބި ރާއްޖޭގެ މީހުންގެ ކިބައިން ސަރުކާރުން އެދޭ ކަންތައްތަކެއް ހުންނަ ކަމަށް އުއްޗު ވިދާޅުވިއެވެ. ސަރުކާރުތަކަށް އަންނަ ވެރިން ކަންކަން ކޮށްދޭން އެދުމުން އެކަން ކޮށްދިނުމަށް ބޮޑު ހޭދަތަކެއް ހިނގާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ ވެރިއެއް ވަޑައިގަތަސް ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިވަރު އިންވެސްޓަރުން އާދޭ ބެރު. 100 މިލިއަނުން 40 މިލިއަނުން ފައިސާ ގަނެގެން. އެ މީހުންވެސް ގެންދާނެތާ ބޭރަށް އެ އެއްޗެހި. އެންމެން ލާރި ދޭންވާނެ މިތަނަށް. އިސްވާ ކޮންމެ ވެރިއަކު އަޅުގަނޑުމެންނަށް ދަންނަވާ އެއާޕޯޓް ހަދަން، ބަނދަރު ހަދަން. އެ ބޭފުޅުން ދަރަންޏަށް ނަގަނީ. ލައިން އޮފް ކްރެޑިޓް 1 ބިލިއަން ޑޮލަރު. އެއަށް ކުންފުނި ތެރެއަށް އަޅުގަނޑު ދޭން ޖެހޭނެ އެއްކަހަލަ ކްރެޑިޓް 1 ބިލިއަން ޑޮލަރު. އަޅުގަނޑު މައްސަލަ އެއް ނެތް ތާއީދު. ކޮންމެ ވެރިއަކަށް ވެސް ވީ އެންމެ ރަނގަޅަށް ކަންތައް ކޮށްދެވޭތޯ ބަލަނީ.
ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު)

ރާއްޖޭގައި ގެސްޓްހައުސްތައް ހިންގަން ފުރުސަތު ދިން ހިސާބުން ވެސް ބޭރު މީހުން ރާއްޖެ އައިސް ގެސްޓް ހައުސް ސިނާއަތުގައި ހަރަކާތްތެރިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކަމާއި ގުޅޭ ގޮތުން ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ރާއްޖެ އަންނަނީ އެކަމަށް ދިވެހިން މަގުފަހިކޮށްދީފައިވާތީ ކަމަށެވެ. އެކަމަށް ފުރުސަތު ދެނީވެސް ދިވެހިން ކަމަށް ވާއިރު އެކަމާއި މެދު ދިވެހިން ފާޑުކިޔަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާ މެނޭޖްކުރަންވާނީ ދިވެހިންކަމަށް ބުނެ ބައެއް މީހުން އެކަމަށް ވަކާލާތު ކުރާ އިރު ދިވެހިން އެ ސިނާއަތް މެނޭޖްކުރުން މަނާކުރާ ސަބަބެއް ނުވަތަ ކަމެއް ނެތް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ބިދޭސީން އިސްވެ އުޅޭ ނިސްބަތް އިތުރުވުމަކީ ބައެއް ދިވެހިންނާއި އެ ސިނާއަތުގެ އިސް ބައެއް ވެރިންގެ ކަންބޮޑުވުމެކެވެ. އެހެންނަމަވެސް އުއްޗު އާއި އަފީފް އާއި ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ އާބާދީ އާއި އަޅާ ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށާއި ސިނާއަތް ފުޅާ ވެގެން އަންނަ އިރު ބިދޭސީން ހަރަކާތެރިވުމަކީ މައްސަލަ އެއް ނޫން ކަމަށް ވިދާޅުވެފައެވެ.


Advertisement
- ކޮމެންޓް