81،130 ޑޮލަރު ރާއްޖޭން ބޭރު ކުރަން އުޅުނު ޝަހްމިން އިސްލާމް ޝަގުރު 12،000 ރުފިޔާއިން ޖޫރިމަނާކޮށް އެނާ ބޭރުކުރަން އުޅުނު ޑޮލަރު ދައުލަތަށް ނެގުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ބަންގުލަދޭޝް އަށް ނިސްބަތްވާ ޝަހްމިން އިސްލާމް ޝަގުރް، 25 އޮގަސްޓު 2024 ދުވަހު 1:53 އެހައިކަންހާއިރު، އޭނާ ޔޫއެސް ބަނގްލަރ ފުލައިޓުން ބަނގްލަދޭޝްގެ ޑާކާއަށް ދިއުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުއްޓައި، އޭވިއޭޝަން ސެކިއުރިޓީއިން އޭނާގެ ލަގެޖް ޗެކްކުރިއިރު، އޭނާ ގެންގުޅުނު ކަޅުކުލައިގެ ބެކްޕެކް ތެރޭގައި އޮތް ހުދުކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ކެލޯގީސް ބްރޭންޑްގެ ކޯންފްލެކްސް ޕެކެޓެއް ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ޖުމުލަ 81,130 (އަށްޑިހަ އެއްހާސް އެއްސަތޭކަ ތިރީސް) އެމެރިކާ ޑޮލަރު ފެނިފައިވާތީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ދައުވާއެވެ.
މި މައްސަލައިގައި ކްރިމިން ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޝަހްމިން އިސްލާމް ޝަގުރުގެ މައްޗަށް ކުރި ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން ބޭއްވުނު އިބްތިދާއީ މަޖިލީހުގައި ޝަހްމިންގެ ފަރާތުން ދަޢުވާއަށް އިޢުތިރާފުވެފައިވާތީ، މިއީ ޝަހްމިންގެ ޞައްޙަ އަދި ފުރިހަމަ އިޢުތިރާފުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް، ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅާ ކަމަށެވެ.
މި މައްސަލައިގައި ދަޢުވާލިބޭ ޝަހްމިން އާއި ޕްރޮސިކިއުޓަރ ޖެނެރަލް އާ ދެމެދު ވެފައިވާ އިޢްތިރާފު އެއްބަސްވުމުގައި، އަދަބާއި މެދު އެއްބަސްވެފައިވާތީ، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކުރާއިރު، އިޢުތިރާފު އެއްބަސްވުން ބަލައިގަތުމަށް ފަނޑިޔާރު ނިންމާ ޙާލަތުގައި އަދަބު ކަނޑައަޅަންޖެހޭނީ އެ އެއްބަސްވުމުގައިވާ ގޮތުގެމަތީންނެވެ. މި މައްސަލައިގައި ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވަނީ، ޝަރީޢަތުން ބަލައިގަތުމަށް ނިންމި އިޢުތިރާފުގެ އެއްބަސްވުމަށެވެ.
އިޢުތިރާފްގެ އެއްބަސްވުމަށް ބަލާއިރު، މި މައްސަލައިގައި ޝަހްމިން އިސްލާމް ޝަގުރްގެ އަތުން ފެނުނު 81،130 (އަށްޑިހަ އެއްހާސް އެއްސަތޭކަ ތިރީސް) އެމެރިކާ ޑޮލަރު ދަޢުލަތަށް ނެގުމަށް އެއްބަސްވެފައިވެއެވެ. އިޢުތިރާފުގެ އެއްބަސްވުމަށް ބަލާއިރު، މި ދަޢުވާއާ ގުޅިގެން، ޝަހްމިންގެ މައްޗަށް ކަނޑައެޅޭނެ އަދަބަކ،ީ 12،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބެވެ.
މި މައްސަލައިގައި ދަޢުވާލިބޭ ޝަހްމިންގެ އަމިއްލަ ފައިސާގެ ގޮތުގައި ހިމެނޭ 4،500 އެމެރިކާ ޑޮލަރާއ،ި 350 ޔޫރޯ، މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ހިފަހައްޓާފައިވާ ކަމަށާއި، އެ ފައިސާ ލިބުމުން، މި މައްސަލައިގައި ޝަހްމިން އިސްލާމް ޝަގުރް އާއި ޕްރޮސިކިއުޓަރ ޖެނެރަލް އާ ދެމެދު ވެފައިވާ އިޢްތިރާފުގެ އެއްބަސްވުމުގައި ޖޫރިމަނާގެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވާ 12،000 ރުފިޔާ ދެއްކޭނެ ކަމަށް ޝަހްމިން ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ޙުކުމެއް ކުރުމާއެކު، 5 ދުވަހުގެ ތެރޭގައި މި ފައިސާ ޝަހްމިންއާ ހަވާލުކުރެވޭނެ ކަމަށް ދަޢުލަތުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން، ޝަހްމިން އިސްލާމްގެ މައްޗަށް ކުޅަ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ކުށުގެ ދަޢުވާއަށް، އިބްތިދާއީ މަޖިލީހުގައި ޝަހްމިން އިޢުތިރާފުވެފައިވާތީ، ޝަހްމިން އިސްލާމްގެ ޞައްޙަ އަދި ފުރިހަމަ އިޢުތިރާފުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަހްމިން އިސްލާމް ޝަގުރްގެ މައްޗަށް ދައުވާ ސާބިތުވެފައިވާ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ(ހ) ގެ ދަށުން، ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ކުށުން، ޝަހްމިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، ޝަހްމިން އާއެކު ޕްރޮސިކިއުޓަރ ޖެނެރަލް ހަދާފައިވާ އިޢުތިރާފު އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ޝަހްމިން 12000 ރުފިޔާ އިން ޖޫރިމަނާކޮށް، މި ފައިސާ 20 އޮކްޓޫބަރު 2024 ފެށިގެން 15 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ޝަހްމިން އަށް އަންގާފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ރ) ގެ ދަށުން، މި މައްސަލައިގައި ޝަހްމިން ޝަގުރްގެ އަތުން ފެނުނު ޖުމުލް 81130 އެމެރިކާ ޑޮލަރު، މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް ނެގުމަށް އަމުރުކޮށް، ހުކުމް އިއްވާފައިވެއެވެ. މި މައްސަލަ ބެއްލެވީ ގާޟީ އިބްރާހިމް ޛިހުނީއެވެ.