ގއ. އަތޮޅު ފަޅުރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ ގއ. އަތޮޅު ފަޅުރަށެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ރަށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 163 ގްރާމެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.