ކ. މާލެ
|
20 އޮކްޓޯބަރ 2024 | އާދީއްތަ 17:02
ބުޅާ މަހުން ކާއެއްޗެހި ހަދައިގެން ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު ހޮސައިން
ބުޅާ މަހުން ކާއެއްޗެހި ހަދައިގެން ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތު ހޮސައިން
އިމިގްރޭޝަން
އަރަފާތު ޑީޕޯޓުކުރުން
ބުޅާ މަސް އަޅައިގެން ކާ އެއްޗެއް ތައްޔާރުކުރިކަމުގެ ހެކި ފެނިފައިނުވާތީ މައްސަލަ ނިންމައި އަރަފާތު ޑީޕޯޓުކޮށްލައިފި
އަރަފާތު ޑީޕޯޓުކޮށްފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައިވާތީ
ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ އެމައްސަލާގައި ކުރަމުންދިޔަ ތަހުގީގު ވަނީ ނިންމާލާފައި
އަރަފާތު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އޯގަސްޓް 2024 ގައި

ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރިކަމުގެ ހެކި ފެނިފައިނުވާތީ މައްސަލަ ނިންމައި އަރަފާތު ހޮސައިން ޑީޕޯޓުކޮށްލައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހިންގި ތަހުގީގުގައި ބުޅާ މަސް އަޅައިގެން އެއްވެސް ކާ އެއްޗެއް ތައްޔާރުކުރިކަމުގެ ހެކި ފެނިފައިނުވާ ކަމަށާއި، މައްސަލާގެ ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ އެމައްސަލާގައި ކުރަމުންދިޔަ ތަހުގީގު ނިންމާލާފައިވާ ކަމަށެވެ.

މިމައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފުލުހުން އިމިގްރޭޝަންއާ ހަވާލުކުރުމުން އެމީހާ ޑީޕޯޓުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ އަރަފާތު ޑީޕޯޓުކޮށްފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައިވާތީ ކަމަށެވެ. އަދި ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައިހުރީ އެ މުއްދަތުގައި މި ބިދޭސީ މީހާގެ މައްސަލަ އެ ފުލުހުން ބަލަމުންދިޔުމާއި ގުޅިގެން ކަމަށް އެއިދާރާއިން ބުނެއެވެ.

32 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އޯގަސްޓް 2024 ގައެވެ.

އަރަފާތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތައް ބަލާއިރު މި މީހާ އަކީ ގަވައިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރުމުގެ އިތުރުން ބުޅާ ކަތިލައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އަދި އިމިގްރޭޝަނުން އާއްމުކޮށްފައިވާ ވީޑިއޯތަކުން އަރަފާތުގެ ކާބޯތަކެތި ތައްޔާރު ކުރަނީ ވަރަށް ނުތާހިރުކޮށް، މުއްދަތުވެސް ހަމަވެފައިވާ ތަކެތިންކަން ވަނީ ކަަށަވަރު ކުރެވިފައިވެއެވެ.

އިމިގްރޭޝަނުން ގަވައިދާ ހިލާފަށް މާލޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބިދޭސީން ހިންގާ ގިނަ ފެކްޓްރީތަކާއި، ފިހާރަތަކާއި، ކެފޭ/ރެސްޓޯރެންޓްތައް ދަނީ ހޯދަމުންނެވެ. އިމިގްރޭޝަނުން އާއްމު ކުރާ ވީޑިއޯތަކާއި ފޮޓޯތަކުން މިތަންތަނުގެ ނުސާފުކަމާއި، މުޑުދާރުކަން ހާމަވެ، ގިނަ ބައެއްގެ ފާޑުކިޔުން ހެލްތް މިނިސްޓްރީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް އަމާޒުވެފައިވެއެވެ.


Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް