ކ. މާލެ
|
22 އޮކްޓޯބަރ 2024 | އަންގާރަ 11:34
މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ
ރޮއިޓާސް
ޕެޕް ގާޑިއޯލާ
ޤައުމީ ޓީމަކަށް އިރުޝާދު ދޭން ގާޑިއޯލާ ބޭނުންވޭ
އެކަމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ޙާސިލު ކުރަން ބޭނުންވާ ކަމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ޤައުމީ ޓީމަކަށް އިރުޝާދު ދިނުމަކީ، އޭނާގެ ކޯޗިން ކެރިއަރުގައި ކުރަން ބޭނުންވާ ކަމެއް ކަމަށް، މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބު ދެމުންނެވެ. ސިޓީ އަށް މިހާރު އިރުޝާދު ދެމުން އަންނަ ގާޑިއޯލާ އަށް ދާދި ފަހުން ވަނީ އިނގިރޭސި ޤައުމީ ޓީމުގެ ކޯޗުކަން ހުށަހަޅާފައި ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ. ނަމަވެސް، އެ ފުރުސަތު ގާޑިއޯލާ ޤަބޫލު ނުކުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އިންގްލެންޑުގެ ކޯޗަަކަށް މިހާރު ހަމަޖައްސާފައި ވަނީ ޖަރުމަނުގެ ތޯމަސް ޓުޗެލް އެވެ.

ގާޑިއޯލާ ބުނީ ކޮންމެ ވެސް އެއް ދުވަހަކުން ޤައުމީ ޓީމަކަށް އިރުޝާދު ދިނުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އެކަމަކީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ޙާސިލު ކުރަން ބޭނުންވާ ކަމެއް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. އެހެން ނަމަވެސް، އެކަމާ މެދު މިވަގުތު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށާއި، މިވަގުތު އޭނާ ހުރީ ސިޓީގެ އެއްބަސްވުމެއްގެ ދަށުގައި ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ބާސެލޯނާ އިން 2007 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ގާޑިއޯލާ އަކީ މިވަގުތު ދުނިޔޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން ޖަރުމަނުގެ ބަޔާން މިއުނިކާ ހަވާލުވެ، އެ ޓީމާ އެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މިވަގުތު ސިޓީ އަށް އިރުޝާދު ދެމުން އަންނައިރު، ގާޑިއޯލާ ވަނީ އެ ޓީމާ އެކު 18 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ސިޓީ އާއެކު ގާޑިއޯލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

- ކޮމެންޓް