ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:33
 މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ
ރައްޔިތުންގެ މަޖިލިސް
ދައުލަތަށް ލިބޭ އާމްދަނީ
ދައުލަތުގެ ކުންފުނިތަކުގެ އާމްދަނީ 15 އިންސައްތަ ދަށްވެއްޖެ - ޢަފޫރު
ޢަފޫރު ވަނީ ސަރުކާރުން އިގްތިސާދާއި މެދު ޢަމަލުކުރާ ގޮތަށް ފާޑު ވިދާޅުވެފަ
އެމްޑީޕީގެ ސަރުކާރުން ޓެކްސް އިތުރުކުރަން ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ކަމަށް ޢަފޫރު ވިދާޅުވި

ދައުލަތުގެ ކުންފުނިތަކުގެ އާމްދަނީ 15 އިންސައްތަ ދަށްވެފައިވާ ކަަމަށާ، އެ ކުންފުނިތައް ހިމެނޭހެން 6000ށް ވުރެ ގިނަ ވަޒީފާ ސަރުކާރުން އިތުރުކޮށްފައިވާ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޢަފޫރު ވަނީ ސަރުކާރުން އިގްތިސާދާއި މެދު ޢަމަލުކުރާ ގޮތަށް ފާޑު ވިދާޅުވެފައެވެ. އަދި އިދިކޮޅުގައި ތިބި އިރު ޕީޕީއެމް އަދި ޕީއެންސީން ވަނީ އޭރު އެމްޑީޕީގެ ސަރުކާރުން ޓެކްސް އިތުރުކުރަން ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ކަމަށް ޢަފޫރު ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރ 22 ވަނަ ދުވަހު ޓީޖީއެސްޓީ 12 ޕަރސަންޓުން 16 ޕަރސަންޓަށް ބޮޑުކުރަން ހުށަހެޅުމުންނާއި ޖީއެސްޓީ 6 ޕަރސަންޓުން 8 ޕަރސަންޓަށް ބޮޑުކުރަން ހުށަހެޅުމުން އެއީ ރައްޔިތުން ފެލުން ކަމަށް އޭރު އިދިކޮޅުގައި ތިބެ ޕީޕީއެމް ޕީއެންސީން ބުނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުން އަތުން ފޭރުންކަމަށް ވެސް އޭރު އިދިކޮޅު ފަރާތްތަކުން އައީ ބުނަމުންނެވެ. ނަމަވެސް މިއަދު ޖީއެސްޓީ އާއި ޓެކްސް ބޮޑުކުރުމަކީ އިގްތިސާދީ ކުރިއެރުމެއް ކަަަމަށް ސަރުކާރުން ބުނާތީ އެކަމަށް އޭނާ ފާޑު ވިދާޅުވިއެވެ.

ގަބޫލުކުރަން ޖެހޭ މިހާރު އޮތް ނާޒުކު އިޤްތިސާދީ ހާލަތުގައި ޓެކްސް ބޮޑުކުރުމުން ވާނެ ގޮތް. ރާއްޖެ އަށް ލިބޭ އާމްދަނީ ހުރީ ކުރިއަށް ވުރެ އިތުރު. ޚާއްސަކޮށް ޓުއަރިޒަމް އިން ލިބޭ އާމްދަނީ ބޮޑުތަނުން އިތުރު. އެހެންވީމަ ކުރީ ސަރުކާރޭ، ފަހުގެ ސަރުކާރޭ ކިޔުމުގެ އެއްވެސް ބޭނުމެއް ނެތް.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ

ރާއްޖޭގެ އިގްތިސާދުގައި މައްސަލަ އެއް ކަމަށާއި ދައުލަތަށް ވަންނަ ލާރީގައި ވެސް މައްސަލަ އެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ދައުލަތުގެ ޚަރަދުތައް ހަމަ ނުޖެހޭތީ އެކަމަށް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. 2000ށް ވުރެ ގިނަ ސިޔާސީ ވަޒީފާ މި ސަރުކާރުން މިހާރުވެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާ އަށް އިތުރުވެފައިވާ ކަަމަށާއި ސަރުކާރެއް އޮތުމުގެ ބޭނުމަކީ އެކަންކަން ހުއްޓުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް ކޮރަަޕްޝަންގެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ތަކެތީގެ އަގު އުފުލުން ފަދަ ރައްޔިތުންނަށް އުދަނގުވާ ކަންކަން މި ސަރުކާރު އައި ފަހުން ދިމާވާކަމަށް ވިދާޅުވެފައެވެ. އެ ހުރިހާ ކަމަކަށް ހައްލު ހޯދަން ޖެހޭ ކަމަށާއި ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ގޮތެއް ސަރުކާރުން ހޯދާދޭން ޖެހޭ ކަމަށް ޢަފޫރު ވިދާޅުވިއެވެ. ދައުލަތަށް އިތުރުވާ އާމްދަނީ ރައްޔިތުންނާއި ހަމައަށް ނާންނަކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

- ކޮމެންޓް