ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:58
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
މެންޗެސްޓަރ ސިޓީ
ކުރިމަގާ މެދު ގާޑިއޯލާ ވަކި ގޮތެއް ނުނިންމާ
މުސްތަޤުބަލާ މެދު ނިންމާ ނިންމުމެއް ނިންމާނީ، ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ކުރިމަގާ މެދު ބަކި ނިންމުމެއް ނުނިންމާ ކަމަށް، މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވީ 2016 ވަަނ އަހަރު އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު ސިޓީއާ ހަވާލުވެ، އޭނާ އަންނަނީ އެ ކުލަބުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. ސިޓީ އާއެކު އެންމެ ފަހުން ގާޑިއޯލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، މިހާތަނަށް ކުރިމަގާ މެދު ގާޑިއޯލާ ވަކި ނިންމުމެއް ނުނިންމަ އެވެ.

ސިޓީ އާއެކު ގާޑިއޯލާ ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވާން އަންނައިރު، ހުސްވެފައިވާ އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗަކަށް އޭނާ ގެންދަން މަސައްކަތް ކުރާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އިންގްލެންޑާ އޭނާ ހަވާލުވާން އުޅޭ ވާހަކަ އަކީ ދޮގެއް ކަމަށާއި، އޭނާ އަކީ ސިޓީގެ ކޯޗު ކަމަށެވެ. މިހާތަނަށް ވަކި ނިންމުމެއް ނުނިންމާކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށެވެ. އެހެންކަމުން މިހާރު ކަނޑައެޅިގެން ވަކި ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

ސިޓީގެ އެއްބަސްވުން ހަމަވާން އަންނައިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، އޭނާގެ މުސްތަޤުބަލުގައި ކަންތައް ދެން ވާނެ ގޮތެއް ބަލަން ޖެހޭ ކަމަށެވެ. އަދި ވެސް އޭނާ ކުރަން ބޭނުންވާ ކަންކަން ހުރި ކަމަށާއި، އެކަންކަމާ މެދު ވަރަށް ރަނގަޅަށް ވިސްނަން ޖެހޭނެ ކަަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އެހެންކަމުން މުސްތަޤުބަލާ މެދު ނިންމާ ނިންމުމެއް ނިންމާނީ، ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ ޔޫރަޕުގެ ހުރިހާ މުބާރާތެެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. ސިޓީގެ ތާރީޚުގައި ވެސް އެ ޓީމަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނީ ވެސް ގާޑިއޯލާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް