ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 16:53
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އިންޓަވިޔު ދެއްވަނީ
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އިންޓަވިޔު ދެއްވަނީ
ރާއްޖެއެމްވީ
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ: ފައްޔާޒު
މި ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެގެންދާނެ
މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ދަތުރުފަތުރުގެ މައްސަލައަށް ހައްލު ލިބޭނެ
މިސަރުކާރުގެ ވިސްނުން ހުރީ މާލެ މަރުކަޒުކުރުމުގެ ވިސްނުން

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރަށް އިސްރާފެއް ނަމަވެސް މި މަޝްރޫއާއެކު މުޅި ރީޖަން ބަދަލުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫގައި ހުންނަވައި ރާއްޖެޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ފައްޔާޒު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު މަޝްރޫއު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށާއި، އެހެން އެއްވެސް ސަރުކާރަކަށް މި މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިހާރު މިމަޝްރޫއު ނިމުމަކާ ގާތްވެފައިވާ ކަމަށާއި، ޓާމިނަލް އިމާރާތް ކުރުމުގެ ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. މި މިޝްރޫއުގެ މަސައްކަތް ނިމުމާއެކު މުޅި ސަރަހައްދު ތަރައްގީވެގެންދާނެ ކަމަށެވެ. އަދި މި ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށާއި، މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ދަތުރުފަތުރުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިމަޝްރޫއު އިސްރާފެއްގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިފަކުރާކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ މިސަރުކާރުގެ ވިސްނުން ހުރީ މާލެ މަރުކަޒުކުރުމުގެ ވިސްނުން ކަމަށާއި، މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުން ނެތް ކަމަށެވެ.

މިއަދުގެ ސަރުކާރު މި ސިފަ ކުރަނީ މި ބޮޑު އިސްރާފެއް ކަމަށް. އެހެން އެބޭފުޅުން ގަބޫލުކުރާ ސަބަބަކީ މާލެ މަރުކަޒުކޮށްގެން އެގޮތަށް ވެރިކަން ކުރުމުގެ ބޭނުމުގައި. އެއްވެސް އިގްތިސާދީ ވިސްނުމެއް ނެތް ދިވެހިރާއްޖެ މުޅި ރާއްޖެއަށް ތަރައްގީގެ މަންފާ އަންނާކަށް. އެނގިވަޑައިގަންނަވާނެ ފަދައިން މި އެއާޕޯޓު ނިމުމާއެކު މުޅި އުތުރަށް ހިތަށް ނާރާވަރުގެ ބޮޑު ބަދަލު އަންނާނެ. ޓޫރިޒަމަށް ނުލާހިކު ރަނގަޅު ފައްކާވެފައި އޮތް ރަށްތަކަކާއި، ގުދުރަތީ ވަސީލަތްތައް އޮތް ހިސާބެއް އަޅުގަނޑުމެންގެ ޓޫރިޒަމް މިތަނަށް ނުފެތުރި އޮތް ސަބަބަކީ ޓްރާސްޕޯޓާއި ލޮޖެސްޓިކްގެ މައްސަލަ. އެހެންވީމަ މިއެއާޕޯޓާއެކު ވަރަށް އައިކޯނިކް ދިވެހިރާއްޖޭގެ މުޅި ޓޫރިޒަމްގެ މާކެޓްގައި ވެސް މިއެއާޕޯޓުގެ ފީޗާސްއާއެކު ވެސް އިތުރު ބޫސްޓެއް އަންނާނެ ޕްރޮޖެކްޓެއް. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތެއްގެ އިރާދަކުރެއްވިއްޔާ ފޮނިމީރުކަން ކުރިއަށް އޮތްތާގައި ދިވެހި ރައްޔިތުންނަށް އަދި ބޮޑުތިލަދުންމައްޗަށް ކުރާނެ ކަމާއެކު ޝައްކަތް ނެތް. އަޅުގަނޑުމެންނަށް ހަމަ ޔަގީން އެބޭފުޅުން މިއީ އިސްރާފެކޭ ކީ ނަމަވެސް މިކަން ކުރިއަށް ގެންދާނެ. އަދި އަޅުގަނޑުމެންނަށް މިހާރު އަޑު އެބަ އިވޭ މިތަން ވިއްކާލުމުގެ ވާހަކައެއް ވެސް ދައްކާތަން. އަޅުގަނޑުމެންގެ އުންމީދަކީ ކޮންމެ ގޮތަކަށް އެބޭފުޅުން އެކަން ކުރެއްވި ކަމުގައި ވިޔަސް މިމަސައްކަތް ނިންމާ މި ބޮޑުތިލަދުންމައްޗަށް ޓޫރިޒަމްއާއި، އެހެނިހެން ވިޔަފާރިއާއި މަންފާ ލިބޭ ގޮތަށް އެބޭފުޅުންގެ މަސައްކަތް ކުރުން. އަޅުގަނޑުމެންގެ މިމަސައްކަތް އިރާދަކުރެއްވިއްޔާ މުޅި ރީޖަން ބަދަލުކުރާނެ
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އައު މަޝްރޫއު އިންޑިއާގެ ޖީއެމްސީ އާ ހަވާލުކުރީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިމަޝްރޫއުގެ ދަށުން 2.7 ކިލޯ މީޓަރުގެ ރަންވޭ، 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ޓާމިނަލެއްގެ އިތުރުން ޖެޓް ފިއުލް ސްޓޯރޭޖެއް ވެސް ގާއިމް ކުރާނެއެވެ.

ހަނިމާދޫ އެއާޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ

މި މަޝްރޫއުގެ އަގަކީ ޖުމްލަ 136 މިލިއަން ޑޮލަރެވެ. މި އެއާޕޯޓު ހަދައި ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވި، އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ ކަމަށް މައުލޫމާތުދެއެވެ.

- ކޮމެންޓް