ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 12:17
ނިއު ރޭޑިއަންޓުގެ ޗެއާމަން ކަމަށް އަންނާނެ ކަމަށް ބެލެވޭ މުބީން (ވ)، ކުޅިވަރު ވަޒީރު ރާފިޢު އަދި ރައީސް އޮފީހުގެ މިނިސްޓަރު ހެރިންސް އައްޅޯ އާއެކު
ނިއު ރޭޑިއަންޓުގެ ޗެއާމަން ކަމަށް އަންނާނެ ކަމަށް ބެލެވޭ މުބީން (ވ)، ކުޅިވަރު ވަޒީރު ރާފިޢު އަދި ރައީސް އޮފީހުގެ މިނިސްޓަރު ހެރިންސް އައްޅޯ އާއެކު
ރާއްޖެ އެމްވީ
ނިއު ރޭޑިއަންޓް ސްޕޯޓްސް
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް މުބީން ގެންނަން އުޅޭ ކަމުގެ އަޑުތަކެއް!
ނިއު ރޭޑިއަންޓުގެ އިސް ބޭފުޅުން ވެސް، އެ ކުލަބުގެ ޗެއާމަނަކަށް މުބީން ގެންނަން މަސައްކަތް ކުރައްވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަނަކަށް އަޙުމަދު މުބީން ގެންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ނިއު ރޭޑިއަންޓުގެ ޗެއާމަންކަމުގެ މަޤާމުގައި އެންމެ ފަހުން ހުންނެވީ އަޙުމަދު ވާސިފް އެވެ. އެ މަޤާމުން ވާސިފް އިސްތިއުފާ ދެއްވުމާއެކު، އެ މަޤާމު އޮތީ ހުސްކޮށެވެ. މިވަގުތު ދެ ވަނަ ޑިވިޝަންގައި އޮތް ނިއު ރޭޑިއަންޓުން އަންނަނީ އެ ކުލަބުގެ އިންތިޚާބު އަވަސް ތާރީޚެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ރޭޑިއަންޓުގައި މިވަގުތު އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން އަންނަނީ، އެ ކުލަބުގެ އައު ޗެއާމަނަކަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރުކަން ވެސް ކުރައްވަމުން އަންނަ މުބީން ގެންނަން މަސައްކަތް ކުރަމުންނެވެ. އެކަމާ ގުޅޭ ގޮތުން މުބީން ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ޕޯސްޓެއް ވެސް ހިއްސާ ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި މުބީން ލިޔުއްވާފައި ވަނީ މާތް ﷲ ގެ ވާގިފުޅާއެކު ފަށާ ދަތުރު ގައި ދިވެހިރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ނިއު ރޭޑިއަންޓު އަލުން އަނބުރާ އިހު އޮތް މަޤާމަށް ގެނެސް، ނިއުގެ ސަޕޯޓަރުން ހެއްވާލަ ދޭނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ ނިއު ރޭޑިއަންޓު މިހާރު އޮތް ޙާލަތުން ސަލާމަތް ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. ޗެއާމަންކަމަށް ވަޑައިގެންނެވުމާ ގުޅޭ ގޮތުން ސީދާ ޖަވާބެއް ނުދެއްވައި މުބީން ވިދާޅުވީ، މިހާރު ނިއު ރޭޑިއަންޓުގެ ދަރަނި އޮތް ޙާލަތު ވެސް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނިއު ރޭޑިއަންޓުގެ ސަޕޯޓަރުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައި ދެއްވަން މަސައްްކަތް ކުރައްވާ ކަމަށެވެ. އަދި ކުލަބުގެ ކަންކަމުގައި އުޅުއްވާ ފަރާތްތަކާ އެކު ކުރަމުން އަންނަ މަސައްކަތާ އެކު، އެކަން ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

ދެން އަޅުގަނޑުމެން މި އަންނަނީ އެ މަސައްކަތްތައް ކުރަމުން. މިހާރު ވެސް ނިއުގެ ދަރަނި އޮތް ވަރު ބަލަމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ، މީގެ ކުރިން ނިއު އޮތް ހިސާބަށް އަލުން ގެންދިޔުމަށް މި ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ. ނިއު އެބަ ޖެހޭ އަލުން ފުރަތަމަ ޑިވިޝަނަށް އަންނަން، އެކަމަށް ކުރަން ޖެހުނު މަސައްކަތްތައް ކުރާނަން.
އަޙުމަދު މުބީން / ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު

މުބީން ފާހަގަކޮށްލެވިފައި ވަނީ ފާއިތުވި ދުވަސްތަކުގައި ވެސް ނިއުރޭޑިއަންޓުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ މުބީން ވަނީ، އެންމެ ފަހުން ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ހުންނެވި ވާސިފް އާއެކު ވެސް މަސައްކަތް ކުރައްވައިފަ އެވެ. ނިއު ރޭޑިއަންޓުގެ އިސް ބޭފުޅުން ވެސް، އެ ކުލަބުގެ ޗެއާމަނަކަށް މުބީން ގެންނަން މަސައްކަތް ކުރައްވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓު ސަސްޕެންޑު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓު ސަސްޕެންޑު ކުރިއިރު، އޭގެ ކުރިން އެ ކުލަބުން ވަނީ އޭރު އެފްއޭއެމްގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމަށް ސޮއިކޮށް، ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އޭގެ ފަހުން އެފްއޭއެމް އިން ނިއު ރޭޑިއަންޓު ސަސްޕެންޑު ކުރީ އެ ކުލަބުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އޭގެ ފަހުން އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަމުން އަންނަ ނިއު ރޭޑިއަންޓު ވަނީ، އެންމެ ފަހުން އޮތް ދެ ފަހަރު ވެސް ދެ ވަނަ ޑިވިޝަންގައި ވާދަކޮށްފަ އެވެ.

- ކޮމެންޓް
13 އޮކްޓޯބަރ 2024 | އާދީއްތަ 08:20
ރަސް
ކަލޯ ތީގެންނަން ހެޔޮވާނަރުގެ މީހެއްނޫން