ކ. މާލެ
|
12 އޮކްޓޯބަރ 2024 | ހޮނިހިރު 09:41
އާސެނަލަށް ކުޅެމުން އަންނަ ކަލަފިއޯރީ
އާސެނަލަށް ކުޅެމުން އަންނަ ކަލަފިއޯރީ
ރޮއިޓާސް
އާސެނަލް
ކަލަފިއޯރީ ބުނީ އާސެނަލަށް ބަދަލުވީ ފަހުން ކަންތައްތައް ބަދަލުވެއްޖެ ކަމަށް
ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، މިހާރަށްވުރެ ވެސް ބޮޑަށް ކަންކަން ރަނގަޅު ވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ބުންޏެވެ.

އާސެނަލާ ގުޅުނު ފަހުން ގިނަ ކަންތައްތަކެއް ބަދަލުވެފައިވާ ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ އާސެނަލަށް ބަދަލުވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެކުލަބާ އެކު އޭނާ ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބޮލޮގްނާގައި ހުއްޓާ އާސެނަލް އިން އޭނާ ހޯދީ، މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ.

އާސެނަލަށް ބަދަލުވުމަށްފަހު ވާހަކަ ދައްކަމުން ކަލަފިއޯރީ ބުނީ، އާސެނަލްގައި މިހާރު ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، މިހާރަށްވުރެ ވެސް ބޮޑަށް ކަންކަން ރަނގަޅު ވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް އޭނާ ބުންޏެވެ. ކަލަފިއޯރީ ބުނީ އާސެނަލަށް ބަދަލުވީ ފަހުން އޭނާ އަށް ވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. ޚާއްސަކޮށް އިތުރު ޒިންމާތަކެއް އުފުލަން ޖެހޭކަން އިޙުސާސްވުމާއެކު، އޭނާގެ ފަރާތުން އެހެން މީހުން ކަންކަމަށް އުންމީދު ކުރުމަކީ އޭނާ އަށް ލިބޭ އުފަލެއް ކަމަށް ވެސް ކަލަފިއޯރީ ވަނީ ބުނެފަ އެވެ.

އޭނާ ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން އަށް މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ފަސް މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ ކުޅެފައިވާ މެޗުތަކެވެ. އަދި އޭނާ އާސެނަލަށް ޖެހި ލަނޑަކީ ޕްރިމިއާ ލީގުގައި ޖަހާފައިވާ ލަނޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް