ދިމާވި ބައެއް ކަންކަމާއި ގުޅިގެން ކެޓް ޝެލްޓަރ ހުޅުވަން ލަސްވި ނަމަވެސް އަންނަ މަހު މާލެސިޓީގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދަން ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި މޭޔަރު އާޒިމް ވިދާޅުވީ މަގުތަކުގައި އުޅޭ ބުޅާތައް ގިނަވެ އެ މައްސަލަ ހައްލު ކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށާއި، ކެޓް ޝެލްޓަރއަށް ބުޅާތައް ގެންދިއުން ލަސްވެގެން ދިޔައީ އަލަށް ކުރެވޭ މަސައްކަތަކަށްވެފައި، ބައެއް ދަތިތައް ކުރިމަތިވުމުން ކަމަށެވެ.
މިއީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުންވި އެއް މައްސަލަ ކަމަށާއި، ނޮވެންބަރު މަސްތެރޭގައި ބުޅާތައް ޝެލްޓަރއަށް ގެންދަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތް ނިމުމުން މާލޭގެ ރައްޔިތުން ބުޅަލުގެ ނަޖިހުގައި އުޅެން ނުޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އިމާރާތް އެއްކޮށް ނިމިފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިހާރު ކުރިއަށްދަނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކަމަށާއި، އޮޕަރޭޝަނަލް ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި ބޮޑު މަސައްކަތަކަށްވާތީ ތަނަށް ބޭނުންވާ އެކިއެކި އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކެޓް ޝެލްޓަރގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ފޭސްއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ބައިވަރު ބުޅާތަކެއް އެއްފަހަރާ ނިއުޓަރ ކުރުމަކީ ފަސޭހަ ކަމަކަށްނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލެއިން ނަގާ ބުޅާތައް ލުމަށް 2000 އަކަފޫޓުގެ 3 ކޭޖެއް ހަދަމުންދާ ކަމަށެވެ.
އަޅުގަނޑުމެން ވަރަށް ބޮޑަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާ ގުޅިގެން މިމަސައްކަތް ކުރަނީ. އެއްބާރުލުން ލިބޭ. ދެ ފަރާތުން އެއްބަސްވީ ބުޅާތައް މިސްކިތަށް ވެސް އެބައަރައޭ. ސަލްމާން މިސްކިތަށް ބުޅާތައް އެބަ އަރާ. މިސްކިތް އެބަ ނަޖިސް ކުރޭ. އެހެންވީމަ އަޅުގަނޑުމެން ނިންމީ ބުޅާތައް ނިއުޓަރ ކުރަމުން ވަކިތަނަކަށް ލުމުގެ ބަދަލުގައި ހުރި ބުޅާތައް ނެގުމަށްޓަކައި ހިނގާށޭ ވަކިތަނެއް ހަދަން. އަޅުގަނޑު ސަޖެސްޓް ކުރީ އެގޮތަށް. ދެން މިނިސްޓްރީން ހަމަ އެއްބާރުލުން ދީފައިވޭ. އެގޮތަށް އަޅުގަނޑުމެން ތިން ކޭޖެއް އެބަ ހަދަން. މާލޭގައި އުޅޭ ބުޅާތައް ވަކިން ގެންދަން. އެއީ 2000 އަކަފޫޓުގެ ބޮޑެތިތަންތަން މިހަދަނީ. އެހެންވީމަ އިރާދަކުރެއްވިއްޔާ ނޮވެންބަރު މަސްތެރޭގައި އެތަން ހުޅުވާލެވޭނެ. އެބުޅާތައް ގެންދަން ފަށާނަން. މިބުޅާތައް ހިފުމަކީ ވެސް އެހައި ފަސޭހަ މަސައްކަތަކަށް ނުވާނެ.މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
އާޒިމް ވިދާޅުވީ ބުޅާތައް ހިފުމަކީ އުދަނގޫ މަސައްކަތެއް ކަމަށާއި، މިމަސައްކަތް ކުރާނީ އެންޖީއޯތަކާއި ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ބުޅާތައް ޝެލްޓަރއަށް ގެންދެވި، ފުރިހަމަ ސިސްޓަމަކަށް މަސައްކަތްތައް ކުރިއަށް ދިއުމަށް ދެތިން މަސް ނަގާނެ ކަމަށެވެ.
މި ޝެލްޓަރއަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ގާއިމުކުރާ ތަނަކެވެ.