ކ. މާލެ
|
9 އޮކްޓޯބަރ 2024 | ބުދަ 09:21
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެޓޯލް ޓައިމްސް
ބައްސާމް އަދީލް ޖަލީލް
ބައްސާމްގެ އަގު ބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކޮށްފި
އެ ޚިދުމަތުން ވަނީ އަންގާރަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން އެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ބައްސާމަށް އަންގައިފަ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަގު ބޮޑު ދެ އެޕާޓްމަންޓު ދިވެހި ފުލުހުންގެ އެންގުމާ އެއްގޮތަށް، އެ ޚިދުމަތާ ހަވާލު ކޮށްފި އެވެ.

ހުޅުމާލޭ އަމީން އެވެނިއުގައި ހުރި ބައްސާމްގެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އަމުރުކޮށްފައި ވަނީ ކޯޓުންނެވެ. އެހެންކަމުން، ހުޅުމާލޭ އަމީން އެވެނިއުގައި ހުރި ބައްސާމްގެ އަގު ބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް އެންމެ ފުރަތަަމަ އެންގީ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ކުރިންނެވެ. އެހެން ނަމަވެސް، ބައްސާމްގެ އެދުމުގެ މަތިން ފުލުހުން ވަނީ އެ މުއްދަތު އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހަށް އިތުރު ކޮށްދިނުމަށް ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ފުލުހުންނަށް އަމާޒުވެފައި ވަނިކޮށް، އެ ޚިދުމަތުން ވަނީ އަންގާރަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން އެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކުރުމަށް ބައްސާމަށް އަންގައިފަ އެވެ. އަދި އެ އެންގުމާ އެއްގޮތަށް އަންގާރަ ދުވަހުގެ ރޭ 12 ގެ ކުރިން ބައްސާމް ވަނީ އެ ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލު ކޮށްފައި ކަމަށް އެ ޚިދުމަތުން ބުނެ އެވެ.

ބައްސާމާ ދެކޮޅަށް ކުރިއަށް ގެންދާ ތަޙުޤީގަށް އެނގިފައިވާ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ކޯވިޑް-19 ގެ އާލަމީ ބަލިމަޑު ކަމުގެ ތެރޭގައި އެފްއޭއެމަށް ލޯނުގެ ގޮތުގައި ދީފައިވާ އެއް މިލިއަން ޑޮލަރު ބޭނުން ކޮށްގެން ބައްސާމް ވަނީ އަމީން އެވެނިއު އިން އެޕާޓްމަންޓު ގަނެފަ އެވެ. ކޯވިޑު ލޯނުގެ ގޮތުގައި ފީފާ އިން ދީފައި ވަނީ 1.9 މިލިއަން ޑޮލަރެވެ.

އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން ދެ ދަޢުވާއެއް ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑަރިންގެ ދައުވާ އެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑާ ކުރުމަށް ބޭނުން ކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް