ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 10:01
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރެއްވުން
ރައީސް މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގަ
ރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް މުރުމޫ ވަނީ ދެއްވާފަ
އިންޑިއާގެ ރައީސް ވަނީ، ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް ކަމަށް ވިދާޅުވެފަ

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތުދެއްވީތީ އިންޑިއާގެ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ ތަޢުލީމާއި، ބިނާރާއި، ފަތުރުވެރިކަން އަދި ސިއްޙީ ދާއިރާ ހިމެނޭނެ ފަދައިން ގިނަ ދާއިރާތަކުން ރާއްޖެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އިންޑިއާއިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދުގެ ބޭފުޅުން ރާޝްތުރަޕަތީ ބަވަން އަށް ވަޑައިގަތުމުން ރައީސް މުރްމޫ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ރައީސް ވަނީ، ރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އިންޑިއާއިން ގެންގުޅޭ "ނޭބަހުޑް ފަރސްޓް" ސިޔާސަތުގައްޔާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ނުވަތަ "ސާގަރް"ގެ ތަޞައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއްކަމަށް އެކަމަނާ ފާހަަކުރެއްވިއެވެ. އެހެންކަމުން ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު ޢުމްރާނީ މަޝްރޫޢުކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާއިން ދިވެހި ރާއްޖޭގެ ތަރައްޤީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ، އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށް ރައީސް މުރުމޫ ފާހަގަކުރެއްވިއެވެ. ހޯމަ ދުވަހު އިޢުލާންކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނަރޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. ހަމައެހެންމެ ދިވެހިރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް މުރުމޫ ވަނީ ދެއްވާފައެވެ.

ކުރިއަށް އޮތް ތަނުގައި، ދެ ޤައުމުގެ ދެމެދުގައި ޤާއިމުވެފައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް، މި ފުރަމާނަ ދަތުރުފުޅުގައި ފެށި މުޢާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ދުރުޕަދީ މުރުމޫ، މި ބައްދަލުކުރެއްވުމުގައި އެއްބަސްވެވަޑައިގެންނެވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާޝްތްރަޕަތީ ބަވަންއަށް ޒިޔާރަތްކުރައްވާ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް