ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 11:59
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ރައީސް މުއިއްޒު ހައްދަވާ ދޮގުތައް
ރައީސް މުއިއްޒު ހައްދަވާ ދޮގުތައް ތެދަށް ބަދަލުކުރުމަށް މި ސަރުކާރުގެ ބޭފުޅުން ދަނީ މަސައްކަތް ކުރަމުން: މެމްބަރު އަހުމަދު ދީދީ
މި ވެރިކަމަށް އަހަރުވާންދާއިރު، އަދިވެސް މަސައްކަތް ކުރަނީ މަކަރާއި ހިލާތުން ރައްޔިތުންނަށް އޮޅުވާލުމަށް
އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ލިބުނު އުފާވެރިކަން މިއަދު ނުލިބޭ
މިސަރުކާރުން ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް މަސައްކަތް ކުރޭ

ހަގީގަތް ހާމަކުރާ ނޫސްވެރިންނަށް ބިރު ދައްކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތައް ތެދަށް ބަދަލުކުރުމަށް މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި މަޑުމަޑުން ހުރިހާ ދިމާލެއްގައި ހުދުމުހުތާރުގެ ސިފަތައް ޖެހެމުންދާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ދޮގުތަކެއް ހެއްދެވުމަށްފަހުކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިހާރު އެދޮގުތައް ތެދަށް ހެދުމަށް މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރާ ކަމަށާއި، ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދޮގެއް ތެދަކަށް ނުހެދޭނެ ކަމަށެވެ. މި ވެރިކަމަށް އަހަރުވާންދާއިރު، އަދިވެސް މަސައްކަތް ކުރަނީ މަކަރާއި ހިލާތުން ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުން އުންމީދާއެކު ރައީސް މުއިއްޒަށް ވޯޓު ދިން ނަމަވެސް މިހާރު އެއުންމީދެއް ނެތް ކަމަށެވެ. އަދި މިއަދު 2018 ވަނަ އަހަރު ރާއްޖެއަށް ލިބުނު އެމްޑީޕީ ވެރިކަމާއި، މިވެރިކަމާ ރައްޔިތުން އަޅާ ކިޔާ ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ލިބުނު އުފާވެރިކަން މިއަދު ނުލިބޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

އެއީ ދޮގަކީ ތެދަކަށް ނުވާނެ. މިބޭފުޅުން އަބަދުވެސް ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރެއިން އެކި ވާހަކަތައް ދައްކަމުން އެ ގެންދަނީ. އެހެންނަމަވެސް ނޫސްވެރިން އާއްމު ރައްޔިތުންނަށް އެބަ އެނގޭ ހަގީގަތް. މިއަދު ދިވެހިރާއްޖޭގެ ކަންތައްތައް ހިނގަމުންދާ ގޮތް. ވަރަށް ގާތުން ރައްޔިތުން ބަލަމުން އެބަ ގެންދޭ. ދިވެހި ރައްޔިތުން މިއަދު އެބަ ކޮންޕެއަރކުރޭ 2018 ވަނަ އަހަރު ހަވާލުވި ވެރިކަމާއި މިވެރިކަމާއި ދޭތެރޭގައި އެއް އަހަރުވެގެންދާއިރު ހުރި ފަރަގު. އޭރު ދިވެހިރައްޔިތުން އުޅެމުންދިޔަ އުފާވެރި ހާލަތު. އެހެންނަމަވެސް މިއަދު ދިމާވެގެން މިދާ ނުރައްކާތެރި ބިރުވެރި ހާލަތު ރައްޔިތުން އެބަ ބަލައިގަނޭ. ސިޔާސީ މަސްރަހު ވަރަށް ގާތުން ބަލައި ދިރާސާކުރޭ ވަރަށް ގިނަ ރައްޔިތުން. ހަގީގަތަކީ މިބޭފުޅުން ވަރަށް ބޮޑަށް ބޭނުންވޭ މިބޭފުޅުން ދައްކާ ވާހަކައަކީ ތެދުކަމަށް މިވަގުތު ހިނގަމުންދާ ކަމެއްގެ ގޮތުގައި އެކަމެއް ނުހިނގިކަމެއް ކަމުގައި ވިޔަސް. މިސާލަކަށް މިދޭތެރެއަކުން ވަރަށް ބޮޑު އިސްތިހާރެއް ކޮށްގެން ވަރަށް ގިނަ ބަޔަކު ގެންގޮސްގެން ފެށި މަޝްރޫއެއް. ބަންކަރިންގެ ޚިދުމަތް. ބަނައިނަލް އަގުވާމީ ބަންކަރިންގެ ޚިދުމަތް ދޭން ފެށި މަޝްރޫއަކީ ވަރަށް ބޮޑު އިގްތިސާދީ ބޮޑު އިންގިލާބެއް ގެންނަ މަންޒަރެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރަމުން ގެންދިޔަ. ނަމަވެސް ދިވެހިރައްޔިތުން އެބަ ބަލާ މިއީ ބޮޑު ހަރަދުކޮށްގެން މިކުރި މަސައްކަތުން މިއަދާ ހަމައަށް މަންފާ ލިބުނީ ކިހައިވަރަކަށްތޯ. ދިވެހި ރައްޔިތުންނަށް. ހަގީގަތުގައި ދެހަފްތާ ތިން ހަފްތާ ވެގެންދާއިރު އެންމެ ބޯޓަކަށް މި ޚިދުމަތް ދެވުނީ. އެއްވެސް ފެން އަޅަން. ބަންކަރިންގެ މައިގަނޑު މަސައްކަތަކީ ހަގީގަތުގައި ތެޔޮ އެޅުން. އެހެންނަމަވެސް ދެވަނަ ބޯޓު އައީ ފެން އަޅަން.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި ވާހަކަފުޅުތަކާއި، މިއަދު އަމަލުތަކާއި ދިމާނުވުމުން އެކަންކަން ނޫސްވެރިން ރިޕޯޓު ކުރާނެ ކަމަށާއި، އެކަންކަން އެމަނިކުފާނަށް ބަލައިނުގަނެވޭ ކަމަށެވެ. މިސަރުކާރުން ނޫސްވެރިންނަށް ބިރުދެއްކުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ނޫސްވެރިންނަކީ ކަންތައްތައް ހޯދާ ބަލާ ދިރާސާކޮށް އެކަންތައްތައް އާއްމު ރައްޔިތުންނަށް ހާމަކުރާ ބައެއް ކަމަށެވެ. ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރާނެ ކަމަށާއި، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް މަސައްކަތް ކުރި ނަމަވެސް އެކަންކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ކަންކަން ހާމަކުރާ ކޮންމެ މީހަކަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އެއީ ސަރުކާރާ އިދިކޮޅު އަމަލެއްގެ ގޮތުގައި ސިފަ ކުރަމުން ގެންދާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް