ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 13:07
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ފުރާވަޑައިގަތުން
ރައީސް އޮފީސް
ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ކުރިއަށް ދާނީ މިހިނގާ އޮކްޓޯބަރުމަހުގެ 6ން 10ށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ކުރިއަށް ދާނީ މިހިނގާ އޮކްޓޯބަރުމަހުގެ 6ން 10ށް ކަމަށެވެ. އަދި މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީއާއެކު ދެޤައުމުގެ ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ދާއިރާގައި ދެޤައުމަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ބެންގަލޫރަށާއި މުމްބާއީ އަށް ޒިޔާރަތްކުރައްވާ، އެ ދެ ސިޓީގައި ވިޔަފާރިއާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.

އޮކްޓޯބަރު 6ން 10ށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު އިންޑިއާގެ ރައީސާ ބައްދަލުކުރައްވާނެއެވެ. .

ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އިންޑިއާގެ މުހިންމު އަވައްޓެރިއެއް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އަދި ބޮޑުވަޒީރުގެ 'ސާގަރ' (ސަރަޙައްދުގެ އެންމެންނަށް ރައްކާތެރިކަމާއި ކުރިއެރުން) ގެ ތަޞައްވުރާއި އިންޑިއާގެ 'އަވައްޓެރިން އިސްކުރުމުގެ ސިޔާސަތު' ގައި ދިވެހިރާއްޖެއަށް ޚާއްޞަ މަޤާމެއް ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ދާދި ފަހުން ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާއިން ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމަށް އިންޑިއާ އިން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށާއި، އަދި މި ދަތުރުފުޅުން ދެޤައުމުގެ އެއްބާރުލުމާއި ރައްޔިތުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ޑރ. މުއިއްޒު ކުރިން އިންޑިއާއަށް ވަޑައިގެންފައިވަނީ 2024 ގެ ޖޫން މަހު ބޭއްވުނު ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުގެ ކަމުގެ ތިންވަނަ ދައުރަށް ހުވާކުރުއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

Advertisement
- ކޮމެންޓް