ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 09:47
އުމުރުން ދުވަސްވީ ދެމީހަކު ރަސްފަންނުގައި، ފަހަކަށް އައިސް މިފަދަ ފަރާތްތަކުގެ އަތުން ފޭރުމުގެ ކޭސްތައް ވަނީ އިތުރުވެފައި
އުމުރުން ދުވަސްވީ ދެމީހަކު ރަސްފަންނުގައި، ފަހަކަށް އައިސް މިފަދަ ފަރާތްތަކުގެ އަތުން ފޭރުމުގެ ކޭސްތައް ވަނީ އިތުރުވެފައި
ދަ ޕްރެސް
ފޭރުމުގެ މައްސަލަ
އުމުރުން ދުވަސްވީ މީހުންނާ ދިމާވެ ދަންނަ މީހަކަށް ހެދިގެން ފޭރެނީ
ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުން ވަނީ އިތުރުވެފައި
ބެންކު ޓްރާންސްފަރ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް ވެސް އިތުރު

އުމުރުން ދުވަސްވީ މީހުންނާއި ދިމާވެ ދަންނަ މީހަކަށް ހެދިގެން ތަންތަނަށް ގެންގޮސް ފޭރުމުގެ މައްސަލަ އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރުވެސް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ދަނީ ހުށަހެޅެމުންނެވެ.

މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބެންކު ޓްރާންސްފަރ ސައްހަނޫން ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިހާތަނަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ގޮތުގައި، މިގޮތަށް އޮޅުވާލައިގެން ބެންކު ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކުން ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން ސައްހަނޫން ޓްރާންސްފަރ ސްލިޕް އުފައްދާ ކަމަށެވެ. އަދި ހާއްސަކޮށް ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު އަގު ދެއްކުމުގެ ގޮތުން މިފަދަ ސްލިޕްތައް ފޮނުވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެހެންކަމުން މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށާއި މިފަދަ ކަމެއްގެ ޝިކާރައަކަށްވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް އެދިފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅާ ރިޕޯޓްކުރުމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް