ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 8 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އަދި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ވަނީ ބައިވެރިވެފައި ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މާސް އިންސްޕެކްޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 28 ބިދޭސީން އަތުލައިގަނެ، ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިންނަށް ލިޔުމުން ނަސޭހަތްދީފައިވެއެވެ.
އިމިގްރޭޝަނާއި ދާހިލީ ސަލާމަތާއިބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.
އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ހާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.
މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.