ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 10:47
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
އާޖެންޓީނާގެ ސްކޮޑުގައި މެސީ ހިމަނައިފި
މެސީ އަށް ސްކޮޑުން ފުރުސަތު ދީފައިވާއިރު، އޭނާ އަންނަނީ އަނިޔާ އިން އެނބުރި އައިސް އިންޓަ މިއާމީގައި ރަނގަޅު ކުޅުމެއް ވެސް ދައްކަމުންނެވެ.

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް، އެ ޓީމުގެ ސްކޮޑުން ފުރުސަތު ދީފި އެވެ.

މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގެ ފައިނަލްގައި ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން މެސީ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އެ މުބާރާތުގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާޖެންޓީނާ އިން ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް އެ ޓީމު ނެގި ސްކޮޑުގައި މެސީ ނުހިމަނަ އެވެ. އެހެންވެ ޗިލީ އާއި ކޮލަމްބިއާއާ ދެކޮޅަށް އާޖެންޓީނާ އިން ކުޅުނު މެޗުގައި މެސީ ނުކުޅެ އެވެ.

އެހެން ނަމަވެސް، މި މަހު އާޖެންޓީނާ އިން ވެނެޒުއެލާ އަދި ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ވަނީ މެސީ އަށް ފުރުސަތު ދީފަ އެވެ. މެސީ އަށް ސްކޮޑުން ފުރުސަތު ދީފައިވާއިރު، އޭނާ އަންނަނީ އަނިޔާ އިން އެނބުރި އައިސް އިންޓަ މިއާމީގައި ރަނގަޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އެނބުރި އައިސް މެސީ ވަނީ އިންޓަ މިއާމީ އަށް ފަސް ލަނޑު ޖަހައިދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި އޮތީ ވެސް އާޖެންޓީނާ އެވެ. މިހާތަނަށް ކުޅުނު އަށް މެޗުން 18 ޕޮއިންޓު ހޯދައިގެން އެ ޓީމު އޮތީ އެއް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް