ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 10:56
ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލަ
ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލަ
ރާއްޖެއެމްވީ
ޕޮންޒީ ސްކީމް ދައުވާތައް
ޕޮންޒީ ސްކީމް ދައުވާތައް: މައްސަލަ ރިވިއުކުރަން އެދިފައިވީނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ
އާޒިމާ ޝަކޫރު ދިފާއީ ވަކީލެއްގެ ގޮތުގައި 09:53 ގައި ފޯމު ހުށަހަޅުއްވާފައިވީނަމަވެސް، ފޯމުގައި ސޮއި ކުރައްވާފައި ނުވޭ
މި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ނިންމުން ރިވިއުކޮށްދިނުމަށް ދިފާއުން އެދިފައިވޭ

ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާގޮތަށް، ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ އިތުރުން ޝަޒްބާން ފަހުމީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އަލްހާން ބަލިވެ އުޅޭކަމަށް ބަޔާންކޮށް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށާއި، އަޑުއެހުމަށް ހާޒިރުވެފައިވަނީ ޝަހުބާން ފަހުމީގެ އިތުރުން ޝަޒްބާން ފަހުމީ ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގެ ނިންމުން ރިވިއުކޮށްދިނުމަށް ދިފާއުން އެދިފައިވާނެ ކަމަށާއި، އެހެންކަމުން ޝަރީއަތް މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.

އަދި މިކަމުގައި މި ހިމެނެނީ މަދަނީ ހުސޫމާތްތަކެއް (ޑިސްޕިއުޓްތަކެއް) ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުވާލިބޭ 3 މީހުންގެ އެއް ހާޒިރެއްގައި ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް އެދޭކަމަށްވެސް އެ މީހުންގެ ވަކީލު ވިދާޅުވިއެވެ. ހަމައެއާއެކު، މި މައްސަލައިގައި ދެން ހިމެނޭ ވަކީލާއެކު ކުރިއަށްދާން ބޭނުންވާކަންވެސް ދިފާއުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދެން ހިމެނޭ ވަކީލު އާޒިމާ ޝަކޫރު ދިފާއީ ވަކީލެއްގެ ގޮތުގައި 09:53 ގައި ފޯމު ހުށަހަޅުއްވާފައިވީނަމަވެސް، ފޯމުގައި ސޮއި ކުރައްވާފައި ނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މައްސަލަ ފެށުމުގެ 15 މިނެޓު ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށެވެ. އެހެންކަމުން ދައުވާތައް ހުށަހެޅުން ކުރިއަށް ގެންދިއުމަށް ގާޒީ ދައުލަތަށް ދެންނެވިއެވެ.

އެހެންނަމަވެސް ދައުވާލިބޭ ފަރާތްތަކުން ވަނީ އެމީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ އަޑުއެހުމަށް ހާޒިރުވި ވަކީލުގެ އިތުރުން، ވަކީލު އާޒިމާ ޝަކޫރާ އެކުގައި ކަމަށް ޝަރީއަތުގައި ބުނެފައެވެ.

އެހެންކަމުން ދިފާއުން އެދުނު ގޮތަށް ވަކީލުންނާއެކު ކުރިއަށް ދިއުމަށް ފުރުސަތު ދެއްވައި ގާޒީ ވަނީ މައްސަލަ އެހެން ދުވަހަކަށް ތާވަލު ކުރައްވާފައެވެ.

އޭގެ އިތުރުން، މައްސަލަ ރިވިއުކުރަން އެދިފައިވީނަމަވެސް ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް