ގައުމިއްޔަތު މިނިސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށް ބުނެ މުވައްޒަފުން ޕެޓިޝަން ހުށަހެޅުމުގެ ސަބަބުން މުވައްޒަފުން އެކަހެރިކޮށް ނިކަމެތި ކުރަމުންދާކަމަށް ބުނެ، އެ މުވައްޒަފުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށް އެދިއްޖެއެވެ.
ރާއްޖެއެމްވީއާ ކަންބޮޑުވުން ހިއްސާކުރި މުވައްޒަފުން ބުނީ، 11 ސެޕްޓެމްބަރު 2024 ގައި ކޮމިޝަނަށް 22 ސިވިލް ސަރވިސް ގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ބަޔާން ކޮށްފައިވާ އެކްޓިންގ ޕީއެސް އާތިކާ އިބްރާހީމް ގެ މަސްލަހަތު ހިމެނޭ މައްސަލަ ބަލާއިރު އޭނަ މަގާމުގެ ނުފޫޒު ބޭނުންކުރާގޮތަށް މާހައުލު އޮތް ކަމަށާއި، އެއީ ގައުމެއްގެ ރައްޔިތެއްގެ ހައިސިއްޔަތުންނާއި، ސަރުކާރަށް ހިދުމަތްކުރާ މުވައްޒަފެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި އެކަމުގެ ސަބަބުން ނަފްސާނީގޮތުން ގެއްލުންވެ، ބިރުވެރިކަމެއްގައި އެތައް މުވައްޒަފުންތަކެއް ތަހައްމަލުކުރަން ޖެހޭ ކަމެއްކަމަށް މުވައްޒަފުން ކިޔާދިނެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކި މުވައްޒަފުން ކިޔާދިން ގޮތުގައި މި ޕެޓިޝަން ހުށަހެޅިފަހުން ވުޒާރާގެ ވަޒީރު އަދި އެކްޓިންގް ޕީއެސް ކަމާއި ހަވާލުވެ ހުންނެވި ފަރާތުން އިތުރަށް މުވައްޒަފުން ނިކަމެތިކޮށް، އެކަހެރި ކުރުމުގެ މާހައުލެއް ވަނީ އުފައްދަވާފައެވެ.
އޭގެ އިތުރުން، މި ކަންތައްތައް ސިވިލް ސާވިސްއަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ވަރެއްގެ އަޕްޑޭޓެއް ދީފައިނުވާކަންވެސް މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މުވައްޒަފުން ވަނީ މި މައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރުމަށް އެދިފައެވެ. އެގޮތުން ރަސްމީ 3 ދުވަސް ވެގެންދާއިރުވެސް މިހާތަނަށް އަދި ރައީސް އޮފީހުން ޖަވާބެއް ދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން މުވައްޒަފުން ވަނީ ރާއްޖެއެމްވީއާ ހިއްސާކޮށްފައެވެ.
ރާއްޖެއެމްވީއާ ކަންބޮޑުވުން ހިއްސާކުރި މުވައްޒަފުން ބުނީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައިވާ ދިވެހި ސިވިލް ސަރވިސްގެ އަސާސި ސިފަތަކުގެ ތެރޭގައި އިންސާފުވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި، ދިވެހި ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ލިބެދެވޭނެ ޤާބިލުކަން ހުންނަންޖެހޭ ކަމަށާއި، މަސައްކަތުގެ މާޙައުލާގުޅޭ ކަންކަމުގައި، މުވައްޒަފުން ފާޅުކުރާ ޚިޔާލާއި، ދޭ ލަފާ، އަދި މުވައްޒަފުންގެ އެއްބާރުލުމާއި، ބައިވެރިވުމުގެ އަގުވަޒަންކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެކަންކަން ހިނގަމުން ނުދާކަން މުވައްޒަފުން ފާހަގަކުރެއެވެ.