ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 13:08
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން މުޅި ސަރަހައްދުގައި ރޯވެފައި (ފައިލް)
ސީރިއާގެ އަސްކަރީ މަރުކަޒަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން މުޅި ސަރަހައްދުގައި ރޯވެފައި (ފައިލް)
ސޯޝަލް މީޑިއާ
ސީރިއާ-އިޒްރޭލު ހަނގުރާމަ
ސީރިއާގެ ވެރިރަށަށް އިޒްރޭލުން ނުރައްކާ ހަމަލާތަކެއް ދީފި
އިޒްރޭލުން ސީރިއާގެ ވެރިރަށް ދިމިޝްޤަށް ނުރައްކާތެރި ހަމަލާތަކެއް ދީފިއެވެ. ސީރިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެއް ރޭ ތެރޭގައި ވެރިރަށުގެ ސަރަޙައްދުގައި ތިން ބުރަށް އިޒްރޭލުން ހަމަލާދީފައިވެއެވެ.
ޚަބަރުގެ އޯޑިއޯ

އަންގާރަ ދުވަހު އިޒްރޭލުގެ މަތިންދާބޯޓަކުން އިޒްރޭލުން ހިފާފައިވާ ގޯލަން އުސްބިމުން ދިމިޝްޤުގެ ދެކުނު ހުޅަނގު ސަރަޙައްދުތަކަށް އަމާޒުކޮށް ގިނަ މިސައިލްތަކެއް ފޮނުވާލައިފިއެވެ.

ސީރިއާގެ ސަރުކާރުގެ މީޑިއާތަކުން ބުނާ ގޮތުގައި ސީރިއާގެ ވައިގެ ދިފާޢީ ބާރުތަކުން މި މިސައިލްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މިސައިލްތައް ހުއްޓުވާފައިވެއެވެ. ސީރިއާގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ މި އަނިޔާވެރި ޢަމަލުގެ ސަބަބުން ތިން އާންމު ރައްޔިތުން މަރުވެ، 9 މީހުންނަށް އަނިޔާވެ، އަދި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

އަލް މަޔާދީން ނިއުސް އޭޖެންސީން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ނޫސްވެރިއަކު ހިމެނެއެވެ. މި ހަމަލާ އަމާޒުވެފައިވަނީ ދިމިޝްޤުގެ މައްޒާ ސަރަޙައްދަށެވެ.

ސީރިއާގެ ޓީވީން ބުނެފައިވަނީ އަންގާރަ ދުވަހު ދިމިޝްޤަށް އިޒްރޭލުން ދިން ހަމަލާގައި އެ ޗެނަލްގެ އެންކަރަކު މަރުވެފައިވާ ކަމަށެވެ.

ސަރުކާރުގެ ސަނާ ނިއުސް އޭޖެންސީން ކުރިން ބުނެފައިވަނީ "ހޯމަ ދުވަހުގެރޭ ތިންވަނަ ފަހަރަށް ދިމިޝްޤު ސަރަޙައްދުގައި ދުޝްމަނުންގެ ހަމަލާތަކާ ދެކޮޅަށް ވައިގެ ދިފާޢީ ނިޒާމުތަކުން މަސައްކަތްކުރަމުންދާ" ކަމަށެވެ. މި ޢިބާރާތް އާންމުކޮށް ބޭނުންކުރަނީ އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކަށް އިޝާރާތްކުރުމަށްކަން ފާހަގަ ކުރެވެއެވެ.

އޭގެ އިތުރުން ދިމިޝްޤުގެ ރަށް ބޭރު ސަރަޙައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާތައްވެސް ވައިގެ ދިފާޢީ ނިޒާމުން ވަނީ ހުއްޓުވާފައެވެ.

ސީރިއާއިން ދަނީ އިޒްރޭލުގެ މިފަދަ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހަށް ގޮވާލަމުންނެވެ. ސީރިއާއިން މިފަދަ ހަމަލާތައް ދެކެނީ އެ ޤައުމުގެ މިނިވަންކަމާއި ސަރަޙައްދީ ސަލާމަތަށް ކުރިމަތިކުރާ ނުރައްކަލެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް