ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 09:36
އަލް ނަޞްރަށް ކުޅެމުން އަންނަ ރޮނާލްޑޯ
އަލް ނަޞްރަށް ކުޅެމުން އަންނަ ރޮނާލްޑޯ
ރޮއިޓާސް
ކްރިސްޓިއާނޯ ރޮނާލްޑޯ
އެންމެ މޮޅު ކުޅުންތެރިޔާ އަށް ވުމަކީ މިހާރު މުހިންމު ކަމެއް ނޫން: ރޮނާާލްޑޯ
އުމުރުން މިހާރު 39 އަހަރުވެފައިވާާ ރޮނާލްޑޯ އަކީ މިފަހުން ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ވުމަކީ، މިހާރު އެހާ މުހިންމު ކަމެއް ނޫން ކަމަށް އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަޞްރުން އަލް ރައްޔާނާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުން އަލް ނަޞްރު މޮޅުވީއިރު، ރޮނާލްޑޯ ވަނީ ލަނޑެއް ވެސް ޖަހައިފަ އެވެ. އެއާއެކު ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު ވަނީ 904 އަށް އަރައިފަ އެވެ. އަދި ސައުދީ ލީގުގެ އަލް ނަޞްރަށް ބަދަލުވީ ފަހުން އެ ކުލަބަށް އޭނާ ޖަހައިދިން 71 ވަނަ ލަނޑެވެ. މި ހިނގާ 2024 ވަނަ އަހަރު ރޮނާލްޑޯ ވަނީ ކުލަބުގެ އިތުރުން، ޤައުމީ ޓީމުގައި ޖުމުލަ 31 ލަނޑު ޖަހައިފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، މިހާރު ދަނޑު މަތީގައި ފުޓުބޯޅަ ކުޅުމުގައި ދެމި ހުރުމަށް އޭނާ އަށް މާާ ގިނަ ވަގުތަކެއް ނެތް ކަމަށެވެ. އެހެންވެ، މިހާރު އޭނާ ގެންދަނީ ފުޓުބޯޅަ ކުޅުމުގެ އުފާ ލިބިގަންނަމުން ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށްވުން ނުވަތަ އެވޯޑުތަކެއް ހޯދުމަކީ އޭނާ އަށް މިހާރު އެހާ މުހިންމު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ބޭނުން ވަނީ ފުޓުބޯޅައިން އުފާ ހޯދައި، އޭނާ ކުޅެމުން އަންނަ ކުލަބަށް އެހީތެރިވުން ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

އުމުރުން މިހާރު 39 އަހަރުވެފައިވާާ ރޮނާލްޑޯ އަކީ މިފަހުން ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ ގިނާ ކާމިޔާބީތަކާއި، ރެކޯޑުތަކެއް ވެސް ޙާސިލު ކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ހަތަރު ފަހަރެއްގެ މަތިން ޔޫރަޕުގެ ރަން ބޫޓު ވެސް ކާމިޔާބު ކޮށްފަ އެވެ. ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް